ދުނިޔެ

ކެނެޑާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ކެނެޑާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ކެނެޑާގެ ސެންޓަރ ބްލޮކް މަޖިލިސް ކުރާގެ ފޮޓޯ:ވިކިޕީޑިއާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖޫން 2026، 08:57

11 ޖޫން 2026، 08:57

ކެނެޑާ ސަރުކާރުން ބުދަ ދުވަހު ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާ ބެހޭ އައު "ޑިޖިޓަލް ސޭފްޓީ" ބިލެއް ގާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައެވެ. މި ފިޔަވަޅަކީ ކުޑަކުދިން އިންޓަނެޓްގެ ނުރައްކާތަކުން ސަލާމަތްކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

މި ބިލުގައިވާ ގޮތުން، ވަކި ސަލާމަތީ މިންގަނޑުތަކަކަށް ފެތޭ ޕްލެޓްފޯމްތައް ފިޔަވައި އެހެން ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް ކުޑަކުދިންނަށް ބޭނުންކުރުން މަނާވާނެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކަކީ ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި ޑިޖިޓަލް ރެގިއުލޭޓަރެއް އުފައްދައި، ސަލާމަތީ މިންގަނޑުތަކެއް ކަނޑައެޅުމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ހުށަހަޅާފައި މިވަނީ ކެނެޑާގައި ހިނގި ބަޑީގެ ނުރައްކާތެރި ހަމަލާއެއްގައި ޝާމިލުވި މީހަކު، އެ ހަމަލާ ރާވަމުންދިޔަކަން 'ޗެޓްޖީޕީޓީ' އަށް އެނގޭ ކަމަށާއި، ނަމަވެސް އެކަން ފުލުހުންނަށް އަންގާފައިނުވާ ކަމަށް ބުނެ، ހަމަލާގައި ގެއްލުންވި އާއިލާތަކުން އޯޕަން އޭއައި  އާ ދެކޮޅަށް ދައުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ ގާނޫނެއް ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާސްކުރީ މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާއިންނެވެ. އެ ގައުމުގައި މި ގާނޫނަށް އަމަލުކުރަން ފެށިތާ މަހެއްގެ ތެރޭގައި ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ 5 މިލިއަނާ ގާތްކުރާ އަދަދަކަށް ކުޑަކުދިންގެ އެކައުންޓްތައް އުވާލާފައެވެ. ކެނެޑާގެ އިތުރުން ފްރާންސް، ޑެންމާކް އަދި ޕޮލެންޑުން ވެސް ދަނީ މިފަދަ ގާނޫނުތައް ހެދުމަށް ވިސްނަމުންނެވެ. އަދި ގްރީސްއިން ވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާނެކަން އިއުލާނުކޮށްފައެވެ.

ކެނެޑާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ބިލު މަޖިލީހުން ފާސްވުމަށް އަހަރެއްހާ ދުވަސް ނަގާނެއެވެ. އަދި ބިލު ފާސްވުމަށްފަހު، ޑިޖިޓަލް ރެގިއުލޭޓަރުގެ މަސައްކަތްތައް ފެށުމަށް އިތުރު 18 މަސް ދުވަސް ހޭދަވާނެ ކަމަށް ބެލެވެއެވެ. ބޮޑުވަޒީރު މާކް ކާނީގެ ސަރުކާރަށް މަޖިލީހުގައި އޮތީ ހަނި އަޣުލަބިއްޔަތެއް ކަމަށްވާއިރު، މަޖިލީހުގެ ޗުއްޓީ ފެށުމުގެ ކުރިން މި ބިލާ މެދު ގޮތްތަކެއް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450