ދުނިޔެ

ސިގްނަލް ކަނޑާލައިގެން އެލް.އެން.ޖީ ތިން ޓޭންކަރެއް ހޮރްމުޒް ކަނޑުއޮޅިން ނުކުމެ އޭޝިއާއަށް ދަތުރުކުރަނީ

ސިގްނަލް ކަނޑާލައިގެން އެލް.އެން.ޖީ ތިން ޓޭންކަރެއް ހޮރްމުޒް ކަނޑުއޮޅިން ނުކުމެ އޭޝިއާއަށް ދަތުރުކުރަނީ

"ރަޝީދާ"  ގަތަރު އެނާޖީގެ ބޯޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޖޫން 2026، 02:58

11 ޖޫން 2026، 02:58

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފުލާ ތިން ބޯޓެއް، އެ ބޯޓުތަކުގެ ލޮކޭޝަން ދެނެގަންނަ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ހޮރްމުޒް ކަނޑުއޮޅިން ނުކުމެ، އޭޝިއާގެ ގައުމުތަކަށް ދަތުރުކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޝިޕް-ޓްރެކިންގ ޑޭޓާތަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، މި ތިން ޓޭންކަރަކީ ވެސް ގަތަރާއި އަބޫދާބީއާ ގުޅުންހުރި ބޯޓުތަކެކެވެ. މީގެ ތެރެއިން "ލެބްރެތާ"  އަދި "ރަޝީދާ"  އަކީ ގަތަރު އެނާޖީގެ ބޯޓުތަކެކެވެ. "ލެބްރެތާ" ފަހަކަށް އައިސް ފެނިފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހު ކަމަށްވާއިރު، "ރަޝީދާ" އެންމެ ފަހުން ފެނިފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

މި ދެ ބޯޓަކީ ވެސް ގަތަރުގެ ރަސް ލައްފާން އިން މުދާ ބަރުކޮށްގެން ދަތުރުކުރާ ދެ ބޯޓެވެ. ދިގު މުއްދަތަކަށް ސިގްނަލް ކަނޑާލައިގެން ތިބުމަށްފަހު، މި ބޯޓުތައް އަލުން ޓްރެކިންގ ސިސްޓަމުން ފެންނަން ފަށާފައިވަނީ މި ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މިހާރު "ލެބްރެތާ" ދަތުރުކުރަމުންދަނީ ޕާކިސްތާނަށް ކަމަށާއި، "ރަޝީދާ" ދަތުރުކުރަމުންދަނީ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީން ބަލަހައްޓާ "މެރިގޯލްޑް"  ނަމަކަށް ކިޔާ ޓޭންކަރު ވެސް ވަނީ ޖޫން 10 ގައި އަލުން ސިގްނަލް ދޭން ފަށާފައެވެ. މި ބޯޓު ދަތުރުކުރަމުންދަނީ އިންޑިއާއާ ދިމާލަށެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން، ހޮރްމުޒް ކަނޑުއޮޅިން މިގޮތަށް ނުކުތް އެލް.އެން.ޖީ ޓޭންކަރުތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 12 އަށް އަރާފައެވެ. މި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ބޯޓުތަކުގެ ސަލާމަތީ ރައްކާތެރިކަމަށްޓަކައި ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ދަތުރުކުރުމަކީ މި ފަހަކަށް އައިސް އާންމުވަމުންދާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450