ދުނިޔެ

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައަށް 4 މިލިއަން ޑޮލަރުގެ ފަންޑެއް އިފްތިތާހުކޮށްފި

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައަށް 4 މިލިއަން ޑޮލަރުގެ ފަންޑެއް އިފްތިތާހުކޮށްފި

ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ކުޑަކުއްޖެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖޫން 2026، 05:09

11 ޖޫން 2026، 05:09

އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ބާރުއެޅުމުގެ ގޮތުން އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާ ގުޅިގެން ޖޮއިންޓް ޕީސް ފަންޑެއް އިފްތިތާހުކޮށްފިއެވެ.

 މި މަޝްރޫއަށް ކޮންމެ ގައުމަކުން 1.34 މިލިއަން ޑޮލަރު (1 މިލިއަން ޕައުންޑް) ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހު އިއުލާނުކުރި މި ފަންޑުގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންގެ ފެންވަރުގައި ހިންގާ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެތެރޭގައި ހާއްސަކޮށް ޒުވާނުންނާއި، މަދަނީ ޖަމިއްޔާތަކާއި އަދި އަންހެނުން ބައިވެރިވާ ހަރަކާތްތަކަށް އިސްކަންދެވޭނެ ކަމަށް އިނގިރޭސި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ފަންޑު އިއުލާނުކޮށްފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކަށް ފަންޑުކުރާ ފަރާތްތަކާ ދެކޮޅަށް މި ތިން ގައުމުގެ އިތުރުން ފަރަންސޭސިވިލާތާއި، ނިއުޒީލެންޑް އަދި ނޯވޭ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އިނގިރޭސި ހާރިޖީ ވަޒީރު އިވެޓް ކޫޕާ ވިދާޅުވީ، "މެދުއިރުމަތީގެ ސުލްހަ އާއި އަމާންކަން ބިނާވެފައިވަނީ ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް" ކަމަށެވެ.

މި އިސްނެގުމުގެ ދަށުން ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަނިޔާވެރި ވަޒަންވެރިންނަށް ފިޔަވަޅު އެޅުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޣައްޒާ ސުލްހައިގެ ރޭވުމަށް ތާއީދުކުރުން ހިމެނެއެވެ. މި ފަންޑު ހުޅުވާލުމުން އިތުރު ގައުމުތަކުގެ އެހީތެރިކަންވެސް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮކްޓޯބަރު 7، 2023 ގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދެމުންދާ ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަޒަންވެރިން ހިންގާ މިފަދަ ހަމަލާތަކުގައި ސީދާ ގޮތުން ބައިވެރިވެ، އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450