ސައިންސް / ދުނިޔެ

ކެންސަރަށް އައު ފަރުވާއެއް ތަޖުރިބާކުރި އޮސްޓްރޭލިއާގެ މަޝްހޫރު ޑޮކްޓަރު ރިޗަޑް މަރުވެއްޖެ

ކެންސަރަށް އައު ފަރުވާއެއް ތަޖުރިބާކުރި އޮސްޓްރޭލިއާގެ މަޝްހޫރު ޑޮކްޓަރު ރިޗަޑް މަރުވެއްޖެ

ކެންސަރު ބަލީގެ ތަޖުރިބާކާރު، ޕްރޮފެސަރ ރިޗަޑް ސްކޮލްޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 12:07

12 ޖޫން 2026، 12:07

އަމިއްލަ ސިކުނޑީގައި އުފެދުނު ނުރައްކާތެރި ކެންސަރު ގަނޑަކަށްޓިއުމަރަކަށް، ދުނިޔޭގައި މީގެކުރިން ތަޖުރިބާކޮށްފައި ނުވާ އައު ފަރުވާއެއް އަމިއްލަ ހަށިގަނޑުގައި ތަޖުރިބާކުރަމުންދިޔަ އޮސްޓްރޭލިއާގެ ކެންސަރު ބަލީގެ ތަޖުރިބާކާރު، ޕްރޮފެސަރ ރިޗަޑް ސްކޮލްޔާ އާދީއްތަ ދުވަހުގެ މަރު ވެއްޖެއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 59 އަހަރެވެ.

ޕްރޮފެސަރ ސްކޮލްޔާ މަރުވުމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ އޭނާއަކީ އެ ގައުމުގެ "އެންމެ އަލިގަދަ އެއް ނޫރު" ކަމަށް ސިފަކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ. ސްކޮލްޔާ އަކީ ހަމުގެ ކެންސަރު ނުވަތަ 'މެލަނޯމާ' އަށް ފަރުވާ ހޯދުމުގައި ދުނިޔެ ބަލައިގަންނަ ފަދަ އިންގިލާބީ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ސްކޮލްޔާގެ ސިކުނޑިން 'ގްލިއޯބްލާސްޓޯމާ' ކިޔާ ނުރައްކާތެރި ކެންސަރެއް ފެނުމުން، އޭނާ ނިންމެވީ އާދައިގެ ފަރުވާތަކުގެ ބަދަލުގައި އޭނާއާއި އޭނާގެ އެކުވެރިޔާ ޕްރޮފެސަރ ޖޯޖީނާ ލޯންގް ގުޅިގެން އުފެއްދި އެކްސްޕެރިމެންޓަލް ފަރުވާއެއް ތަޖުރިބާކުރުމަށެވެ. މިއީ ހަމުގެ ކެންސަރަށް ފަރުވާކުރުމަށް އެ ބޭފުޅުން ހޯއްދެވި ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ފަރުވާއެކެވެ.

ސްކޮލްޔާ އާއި ޖޯޖީނާ ލޯންގްގެ ދިރާސާތަކުގެ ސަބަބުން، މީގެ ކުރިން ފަރުވާއެއް ނެތް ކަމަށް ބެލެވުނު ހަމުގެ ކެންސަރުން ސަލާމަތްވާ މީހުންގެ ނިސްބަތް ވަނީ 10 އިންސައްތައިން 50 އިންސައްތައަށް އިތުރުވެފައެވެ. އަދި ސްކޮލްޔާގެ ސިކުނޑީގެ ކެންސަރަށް ކުރި ތަޖުރިބާގެ ސަބަބުން، އެމެރިކާގައި މިހާރު ވަނީ އެ ބައްޔަށް ފަރުވާ ހޯދުމުގެ ކްލިނިކަލް ޓްރަޔަލްތަކެއް ފަށާފައެވެ.

މަރުވުމުގެ ކުރިން ލިޔުއްވި ވަދާއީ ސިޓީއެއްގައި ސްކޮލްޔާ ވިދާޅުވެފައިވަނީ، އޭނާގެ ދިިރިއުޅުމުގެ އެންމެ އަނދިރި ވަގުތުގައިވެސް އިންސާނިއްޔަތަށް އެހީތެރިވުމުގައި ދެމިހުންނަން ބޭނުންވި ކަމަށެވެ. "އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށްވެސް އެހެން މީހުންގެ މުސްތަގުބަލު ބަދަލުކޮށް، ދުނިޔެއަކީ މިއަށްވުރެ ރަނގަޅު ތަނަކަށް ހެދުމުގެ ޒިންމާ އޮތް ކަމަށް،" އޭނާ ލިޔުއްވާފައިވެއެވެ.

ޕްރޮފެސަރ ސްކޮލްޔާ އާއި ޖޯޖީނާ ލޯންގް އަށް ވަނީ އެ ބޭފުޅުންގެ އިލްމީ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ 'އޮސްޓްރޭލިއަން އޮފް ދަ އިޔަރ' ގެ ޝަރަފުވެސް އަރުވާފައެވެ. ސްކޮލްޔާ ނިޔާވީ އޭނާގެ ހަށިގަނޑުގައި ކުރި ތަޖުރިބާތަކުން ކެންސަރު ބަލީގެ ފަރުވާއަށް އާ އުންމީދުތަކެއް ހޯދައިދިނުމަށްފަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450