ކުޅިވަރު / ދުނިޔެ

މިއީ ފީފާގެ ތާރީޚުގައިވެސް އެންމެ ގިނަ އޮފިޝަލުން ހިމެނޭ މުބާރާތް

މިއީ ފީފާގެ ތާރީޚުގައިވެސް އެންމެ ގިނަ އޮފިޝަލުން ހިމެނޭ މުބާރާތް

ފީފާގެ އޮފިޝަލުން ބޭނުންކުރާ ލޯގޯ ފޮޓޯ: ފީފާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖޫން 2026، 02:03

12 ޖޫން 2026، 02:03

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އިންސާފުކުރާނެ ރެފްރީންނާއި އޮފިޝަލުންގެ ލިސްޓު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ވަރަށް ބޮޑު އަދި ފުރިހަމަ ސިލެކްޝަން މަރުހަލާއަކަށްފަހު އެކުލަވައިލި މި ލިސްޓަކީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް އެންމެ ގިނަ އޮފިޝަލުން ހިމެނޭ ލިސްޓެވެ.

ފީފާއިން ހޮވާފައިވާ "ޓީމް ވަން" ކޯހޯޓުގައި ޖުމްލަ 52 ރެފްރީންނާއި، 88 އެސިސްޓަންޓް ރެފްރީންގެ އިތުރުން 30 ވީޑިއޯ މެޗު އޮފިޝަލުން ހިމެނެއެވެ. ދުނިޔޭގެ ހަ ކޮންފެޑަރޭޝަނަކުން، 50 ގައުމަކަށް ނިސްބަތްވާ މި އޮފިޝަލުން ހޮވުމުގައި ފީފާއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ "ކޮލިޓީ ފަސްޓް" ނުވަތަ ފެންވަރަށް އިސްކަންދިނުމުގެ އުސޫލަށެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ އަދި އެ ގައުމުތަކުގެ ލޯކަލް މުބާރާތްތަކުގައި އެ ފަރާތްތަކުން ދައްކާފައިވާ ކުޅަދާނަކަމަށް ވެސް ވަނީ ބަލާފައެވެ.

ފީފާގެ ޗީފް ރެފްރީން އޮފިސަރު ޕިއަރލުއިޖީ ކޮލީނާ ވިދާޅުވި ގޮތުގައި، ހޮވުނު އޮފިޝަލުންނަކީ ދުނިޔޭގެ އެންމެ މޮޅު ފަރާތްތަކެވެ. މި އޮފިޝަލުންނަކީ ފާއިތުވި ތިން އަހަރު ދުވަހު ވަރަށް ގާތުން ބަލައި، އެކި ސެމިނާތަކާއި ފީފާގެ މުބާރާތްތަކުގައި ޓެސްޓުކޮށްފައިވާ ފަރާތްތަކެވެ. މި އޮފިޝަލުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ފިޓްނަސް ކޯޗުންނާއި، މެޑިކަލް ސްޓާފުންނާއި، ފިޒިއޮތެރަޕިސްޓުންގެ އިތުރުން ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަމާޒަކީ މެއި 31 ގައި މިއާމީއަށް އެ ފަރާތްތައް ދާއިރު، އެންމެ ފުރިހަމަ ސިއްހީ ހާލަތުގައި ތިބުމެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. 48 ޓީމު ވާދަކުރާ މި މުބާރާތުގައި 104 މެޗު ކުޅޭނެއެވެ. އެހެންކަމުން، މިފަހަރުގެ އޮފިޝަލުންގެ އަދަދު ގަތަރު 2022 އަށްވުރެ 41 އޮފިޝަލުން އިތުރެވެ. އަދި އަންހެން ރެފްރީން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން، މިފަހަރުގެ ލިސްޓުގައި 6 އަންހެން މެޗު އޮފިޝަލުން ވެސް ވަނީ ހިމަނާފައެވެ.

މުބާރާތުގެ ތެރޭގައި އޮފިޝަލުން ކޮންމެ ދުވަހަކު ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި މެޗުތަކަށް ތައްޔާރުވުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް މެޗު އެނަލިސްޓުންގެ ފަރާތުން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، މި މުބާރާތުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ވަރަށް ފުޅާދާއިރާއެއްގައި ހިފާނެއެވެ. އޭގެ ތެރޭގައި ގޯލް-ލައިން ޓެކްނޮލޮޖީއާއި، ސެމީ-އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ އަދި "ކަނެކްޓެޑް ބޯލް" ޓެކްނޮލޮޖީ ހިމެނެއެވެ. އަދި އަލަށް ތަޢާރަފްކުރާ ޓެކްނޮލޮޖީއެއްގެ އެހީގައި، ދަނޑުމަތީގައި ރެފްރީއަށް ފެންނަ މަންޒަރުތައް ސަޕޯޓަރުންނަށް ވެސް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ފީފާގެ ޑައިރެކްޓަރ އޮފް ރެފްރީން މާސިމޯ ބުސާކާ ފާހަގަކުރެއްވި ގޮތުގައި، މި މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފެށީ ގަތަރު ވޯލްޑް ކަޕް ނިމުނުތަނާހެންނެވެ. ހޮވުނު ހުރިހާ އޮފިޝަލުންނަކީ އެންމެ މަތީ ފެންވަރުގެ ތަމްރީނާއި އެހީތެރިކަން ލިބިފައިވާ ފަރާތްތަކެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450