ދުނިޔެ
ސްރީލަންކަން އެއާލައިންސްގެ ބޯޓަކަށް ހޮނުއަޅައިފި
ސްރީލަންކަން އެއަރލައިންގެ ބޯޓަށް ހޮނުއެޅުމުން ލިބިފައިވާ ގެއްލުން
ސްރީލަންކާގެ ކަޓުނަޔަކަ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން (ބީ.އައި.އޭ) ފުރައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ހޮނުއެޅުމުގެ ސަބަބުން، އަނބުރާ އެއާޕޯޓަށް ޖައްސައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެއާޕޯޓް ޑިއުޓީ އޮފިސަރު މައުލޫމާތު ދިން ގޮތުގައި، ސްރީލަންކަން އެއާލައިންސްގެ ޔޫ.އެލް 606 ފްލައިޓް ކަޓުނަޔަކަ އެއާޕޯޓުން ފުރާފައިވަނީ ރޭ ދަންވަރު 1:00 ހާއިރުއެވެ. އެއާބަސް A330 މަރުކާގެ މި ބޯޓުގައި އެވަގުތު 217 ފަސިންޖަރުންނާއި 16 ފަޅުވެރިން ތިއްބެވެ.
ބޯޓު ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެ ސަރަހައްދުގެ މޫސުން ގޯސްވެ، ބޯޓުގެ އިންޖީނަކަށް ހޮނުއެޅި ކަމަށް އެއާލައިނުން ބުނެފައިވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޯޓުގެ ޕައިލެޓް ވަނީ ދަތުރު މެދުކަނޑާލުމަށްފަހު އަނބުރާ އެއާޕޯޓަށް ޖެއްސުމަށް ނިންމާފައެވެ. އެގޮތުން، ފަތިހު 1:40 ހާއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.
ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި ބޯޓަށް ބޮޑު ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، އިތުރަށް ބަލައި ޗެކްކުރުމަށްޓަކައި މިހާރު ވަނީ އެއާޕޯޓުގެ ހޭންގަރަށް ބޯޓު ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ދަތުރަށް ފަސް ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ލަސްވުމެއް އައި ނަމަވެސް، އެއާލައިނުން ވަނީ ފަސިންޖަރުން ސިޑްނީއަށް ގެންދިއުމަށްޓަކައި އެހެން ބޯޓެއް ހަމަޖައްސާފައެވެ. މި ބަދަލު ފްލައިޓް މިއަދު ހެނދުނު 6:06 ހާއިރު ވަނީ ފުރާފައެވެ.