Ads by Farudhun

ޚަބަރު

ނިލަންދޫ ކަތީބު ދޮންބެ ނިޔާވި ޚަބަރަކީ ބޮޑު ހިތާމައަކާއި ފުން އަސަރެއް ކުރުވި ޚަބަރެއް: ރައީސް

ނިލަންދޫ ކަތީބު ދޮންބެ ނިޔާވި ޚަބަރަކީ ބޮޑު ހިތާމައަކާއި ފުން އަސަރެއް ކުރުވި ޚަބަރެއް: ރައީސް

އަޙްމަދު މޫސާ (ކަތީބު ދޮންބެ)

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2026، 08:22

12 ޖޫން 2026، 08:22

ފ. ނިލަންދޫއަށް ދިގު މުއްދަތެއްގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ދަނޑުވެރިކަމުގެ ރޮނގުން ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އަޙްމަދު މޫސާ އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަތީބު ދޮންބެ ނިޔާވި ޚަބަރަކީ ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްކުރުވި ޚަބަރެއް ކަމަށެވެ. އަދި މަރުޙޫމަކީ ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަމާނާތްތެރި އަދި ހިތްޕުޅުހެޔޮ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އަޙްމަދު މޫސާގެ މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެ މަރުޙޫމުގެ އުފަން ދަރީންނާއި ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައި ތަޢުލީމީ ޤާބިލް އެތައް ޚިދުމަތްތެރީންނެއް ތިއްބެވުމަކީ އެ މަރުޙޫމަށް ލިބިވަޑައިގަތް ބޮޑު ފަޚުރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަތީބު ދޮންބެއަކީ ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ވަނީ މަރުޙޫމް އަޙްމަދު މޫސާގެ ޢާއިލާއަށާއި ފ. ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން" ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450