Ads by Farudhun

ޚަބަރު

ޢަރަބިއްޔާގެ ދަރިވަރުން "ރެފިއުޖީންނަށް" ހެދި ދުވަސް ނިމިއްޖެ؛ އަންނަ އަހަރު ކިޔަވައިދޭނީ އާ ޢިމާރާތުގައި - ރައީސް

ޢަރަބިއްޔާގެ ދަރިވަރުން "ރެފިއުޖީންނަށް" ހެދި ދުވަސް ނިމިއްޖެ؛ އަންނަ އަހަރު ކިޔަވައިދޭނީ އާ ޢިމާރާތުގައި - ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު މީދޫގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ޖޫން 2026، 11:18

14 ޖޫން 2026، 11:18

އަންނަ ދިރާސީ އައު އަހަރު އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް) ގެ އައު ޢިމާރާތް ހުޅުވައި، އެ ތަނުގައި ކިޔަވައިދޭން ފެށުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެ ރަށުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަންނަ އަހަރު އައު އިމާރާތް ނިންމައި، ކިޔަވާދޭން ފަށާނެކަމަށެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އެމްޑީޕީގެ ދެ ސަރުކާރުން ވެސް ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ގެންގުޅުނީ "ފަނާކުރަނިވި" ފިކުރެއް ކަމަށާއި، ޢަރަބިއްޔާ ސްކޫލް ތަޅާލައި އެ ތަނުގެ ދަރިވަރުންނާއި ބެލެނިވެރިން މަގުމަތިކޮށް "ރެފިއުޖީން" ގެ ޙާލަތަށް ބަދަލުކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން ޢަރަބިއްޔާ ސްކޫލް ތަޅާލައި، މަގުމަތީ ކުރީ ނޫންތޯ. ރެފިއުޖީން ގޮތުގައި ހެދީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރުން ގެންގުޅެނީ "ބިނާކުރަނިވި" ފިކުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޢަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، މިހާރު ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތުގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޢިމާރާތުގައި 40 ކްލާސްރޫމް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން، މުޅި އިމާރާތް އޭސީ ކުރެވިގެންދާއިރު، ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހަވާނެހެން އަންޑަގްރައުންޑް ޕާކިންއެއް ވެސް އެ ތަނުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ޢަރަބިއްޔާގެ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ވަގުތީ ތަންތަނުގައި ކިޔަވަން ޖެހުމުގެ ސަބަބުން ކުރިމަތިވި ތަކްލީފުތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450