ޚަބަރު
ޕޭޕަލްގެ ޚިދުމަތާއެކު ދިވެހި ފަންނުވެރިކަމުގެ ދޮރު މުޅި ދުނިޔެއަށް
ޕޭޕަލްގެ ހިދުމަތް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ޕޭޕަލް މދުވެރިކޮށް ދިވެހިރާއްޖޭގެ ޒުވާން ފަންނުވެރިންނާއި، އުފެއްދުންތެރިންގެ މަސައްކަތްތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރެ، އޭގެ މަންފާ ސީދާ ދިވެހިންނަށް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީުލްޖުމުޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ޑިޖިޓަލް ތަރައްޤީގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒުވާނުން އުފެއްދުންތެރިންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުއްދުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިހާތަނަށް ދިވެހިންނަށް އޮތީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގެ ބޭރުގައި ބަލަން ތިބުން. ބޭރަށް ފައިސާ ފޮނުވުނަސް، ތިޔަބޭފުޅުންގެ ހުނަރަށް ލިބޭ އުޖޫރަ ފަސޭހައިން ބަލައިގަނެވޭނެ ގޮތެއް ނެތް. މިއަދު އެ އުނދަގޫ މާޒީއާ އެކުވެއްޖެ. ޖިއޮގްރަފީގެ ގޮތުން ރާއްޖެ ވަކިވެފައި އޮތް އޮތުމަކީ ދެން ތިޔަބޭފުޅުންގެ ކުރިއެރުމަށް އޮތް ހުރަހެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިޤްތިޞާދުން ހޯދުން ކަމަށެވެ. މިކަމަށްޓަކައި ގޫގުލްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން "ރިވަރ" ސަބްމެރިން ކޭބަލް ރާއްޖެއަށް ގެނައުމާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލްކޮށް ގުޅާލުމުގެ "މޯލްޑިވްސް 2.0" ސިޔާސަތު ބާރުމިނުގައި ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މާލޭގައި އިމާރާތްކުރާ ފަންނުވެރިންގެ މަރުކަޒު ނުވަތަ ކްރިއޭޓަރ ހަބް މިއަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވޭނެ ކަމަށާއި، ރަށްރަށުގެ އަތްތެރި މަސައްކަތްތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ސީދާ ދުނިޔޭގެ ބާޒާރަށް ވިއްކައި ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ސީދާ ފައިސާ ގެސްޓުހައުސްގެ ވެރިންނަށް ލިބޭނެ އިންތިޒާމުވެސް މި ނިޒާމުގެ ތެރެއިން ލިބެގެންދާނެ ކަމަށްވެސް ރައީށް ވިދާާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ 2026 ވަނަ އަހަރަކީ "އުފެއްދުންތެރިކަމުގެ ޤައުމީ އަހަރު" ކަމުގައި ކަނޑައަޅުއްވާފައެވެ. އަދި ދިވެހި ޒުވާނުންނަކީ މި އިންގިލާބުގައި ބައިވެރިވާ ބަޔަކަށްވެ، މި މަސައްކަތް ކުރިއަށް ގެންދާ ލީޑަރުންނަށް ވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ ޚާލިދު އަލް ޙަމާދީ އާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ މާދަމާއަށް ވާ ވަޢުދެއް ނޫން ކަމަށާއި، މިއަދު ފުއްދައިދެއްވި ޢަމަލީ މަސައްކަތެއް ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.