ކުޅިވަރު

ދިވެހި ލީގު ކޮލިފިކޭޝަން: ހުރާ ބަލިކޮށް އެކަކު މަދުކޮށް ކުޅުނު ދިއްދޫ ތާވަލުގެ އެއްވަނައަށް

ދިވެހި ލީގު ކޮލިފިކޭޝަން: ހުރާ ބަލިކޮށް އެކަކު މަދުކޮށް ކުޅުނު ދިއްދޫ ތާވަލުގެ އެއްވަނައަށް

ދިއްދޫގެ ފޯވާޑް ވަބުއިސީ ބެނާޑް ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: އެފްއޭއެމް

16 ޖޫން 2026، 08:45

ދިވެހި ޕްރިމިއަރ ލީގު ކޮލިފަޔާޒް 2026/27ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިއްދޫ ސްޕޯޓްސްއިން ހުރާ ކޮމިއުނިޓީ ކްލަބް 3-1 ބަލިކޮށް، ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި އާންމުކޮށް ފެންނަ ވަރަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި، ހަޅޭކުގެ އަޑު ގަދަކޮށް ކުރިޔަށްދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ.

ދިއްދޫއިން މެޗުގައި ލީޑު ނެގީ 3ވަނަ މިނެޓުގައި ހުރާގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހެދި ނައިޖީރިއާގެ ފޯވާޑް ވަބުއިސީ ބެނާޑް އަނެލްޗުވޫއެވެ. ޕެނަލްޓީ ކާމިޔާބުކުރިތާ 9 މިނެޓު ފަހުން އޭނާ އިތުރު ގޯލެއް ކާމިޔާބުކުރިއިރު، ހެޓްރިކް ފުރިހަމަކުރީ މެޗުގެ އިތުރު ވަގުތުއެވެ. ފަހު ގޯލަކީ ޙުސެއިން ޒިމްޔާންގެ ބުރަ މަސައްކަތުން ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗު ބެލުމަށް ދަނޑަށް ވަތް ސަޕޯޓަރުން / ފޮޓޯ: އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފުގައި ދިއްދޫއިން ދެ ގޯލު ކާމިޔާބުކޮށްފައި ވަނިކޮށް، ހުރާއިން ހާފު ނިންމާލީ ދިއްދޫގެ ލީޑު ކުޑަކުރުމަށް ގޯލެއް ކާމިޔާބުކުރުމަށްފަހުއެވެ. ހުރާގެ ގޯލު ކާމިޔާބުކުރީ އެ ޓީމުގެ މިސްރު ކުޅުންތެރިޔާ ސާދު އަބްދުލް ޢަޒީޒު އިބްރާޙިމްއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ވަރަށް ރީތި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދިއްދޫގެ ލީޑު ހިފެހެއްޓުމަށް އުނދަގޫވީ، އެ ޓީމުގެ ޑިފެންޑަރު އޮމްބެބޭ އަރެޕާޑޭ ޖެރީއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ހުރާއިން އުފެއްދި ހަމަލާއެއްގައި، އެ ޓީމުގެ ފޯވާޑު ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައި ވަނިކޮށް އޭނާއަށް ފައުލް ކުރުމުންނެވެ.

މި ނަތީޖާއާއެކު ތިން މެޗުން ދިއްދޫއަށް ލިބުނު 6 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ދެވަނައިގައި އޮތީ ދެ މެޗުން 4 ޕޮއިންޓު ލިބިފައިވާ ބިސް ބުރު ސްޕޯޓްސް ކްލަބެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450