Ads by Farudhun

ޚަބަރު

ޝައިޚް އިސްމާޢިލްގެ އާއިލާއަށް ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޝައިޚް އިސްމާޢިލްގެ އާއިލާއަށް ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޝައިޚް އިސްމާޢިލް ރައީސް މުޢިއްޒުގެ އަރިހުގައި. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖޫން 2026، 09:33

21 ޖޫން 2026، 09:33

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ އެމަނިކުފާނަށް ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސް ކުރެއްވި ކަމެއް ކަމަށެވެ. ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ.

ދީނީ ޢިލްމު ފެތުރުއްވުމުގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް
ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމަނިކުފާނަކީ ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅެއްގެ އުސްތާޛެއްވެސްމެއެވެ. ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރެއްވުމުގައިވެސް އެމަނިކުފާނު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، "އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން" މިފަދައިންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450