ކުޅިވަރު

ދިއްދޫ އަދި ބިސް ބުރުން ދިވެހި ލީގަށް ޕްރޮމޯޓުވެއްޖެ

ދިއްދޫ އަދި ބިސް ބުރުން ދިވެހި ލީގަށް ޕްރޮމޯޓުވެއްޖެ

ގޯލެއް ކާމިޔާބުކުރުމަށްފަހު ދިއްދޫގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް

21 ޖޫން 2026، 05:22

ދިއްދޫ ސްޕޯޓްސް އާއި ބިސް ބުރު ސްޕޯޓްސް ކްލަބު ދިވެހި ޕްރިމިއާރ ލީގަށް ޕްރޮމޯޓުވެއްޖެއެވެ.

 

ދިއްދޫއިން ޖާގަ ޔަގީންކުރީ، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކްލަބް ގްރީން ސްޓްރީޓްސްއާ ބައްދަލުކުރި ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެ، ޕޮއިންޓެއް ލިބުމުންނެވެ.

މެޗުގެ ފަހު ވަގުތާ ހަމައަށް 2-1 އިން ދިއްދޫ ކުރީގައި އޮތުމުން، މޮޅަކާއެކު ކޮލިފިކޭޝަން ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ގްރީން ސްޓްރީޓްސްއިން ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރި ނަމަވެސް، މި ނަތީޖާއާއެކު ދިއްދޫއަށް ވަނީ ތާރީޚީ ކުރިއެރުމެއް ލިބިފައެވެ.

މި މެޗުގައި ދިއްދޫއިން ކާމިޔާބުކުރި ދެ ލަނޑަކީވެސް ސެޓް-ޕީސްތަކުން ޖެހި ދެ ލަނޑެވެ. މެޗުގެ 15 ވަނަ މިނެޓުގައި ކޯނަރަކުން އައި ބޯޅައެއް ބޮލުން ފޮނުވާލައިގެން ފުރަތަމަ ލަނޑު ޖަހައިދިނީ ސެއިންޓް ޑަންޖޫމާ ގުމްބާރީއެވެ. އޭގެ ހަތަރު މިނެޓު ފަހުން ގްރީން ސްޓްރީޓްސްގެ އަލްސައީދު އަބްދުލްފައްތާހު ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑަކީ ދިއްދޫގެ ގޯލްކީޕަރަށް ކުރި ޗެލެންޖަކާ ގުޅިގެން އޭނާ ވެއްޓިފައި ވަނިކޮށް ޖެހި ލަނޑަކަށް ވީނަމަވެސް، ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، 34 ވަނަ މިނެޓުގައި އަނެއްކާވެސް ކޯނަރަކުން ލިބުނު ފުރުސަތެއްގައި ހުސައިން ރަޝީދު ވަނީ ލަނޑެއް ޖަހައި ދިއްދޫއަށް އަލުން ކުރިހޯދައިދީފައެވެ.

ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްއިން މެޗުން މޮޅުވެ، ލީގުގެ ޖާގަ ކަށަވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު އެ ޓީމުން ޖެހި ލަނޑާއެކު މެޗު އެއްވަރުވުމުން، ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުވެ އުފާފާޅުކުރުމުގެ ފުރުސަތު ލިބުނީ ދިއްދޫ އަށެވެ.

މި ކުރިއެރުމަކީ ދިއްދޫ ސްޕޯޓްސްއިން ކުރި ބުރަ އަދި ކާމިޔާބު ދަތުރެއްގެ ނަތީޖާއެވެ. އަތޮޅު މުބާރާތުން ފެށި މި ދަތުރުގައި، ރީޖަނަލް ލީގު ކޮލިފިކޭޝަނާއި، ރީޖަނަލް ލީގު ކަޑައްތުކޮށް، އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނާ ހަމައަށް އެ ޓީމު ވަނީ އައިސްފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ހަރުފަތްތައް ގިރާކޮށް، ދިއްދޫ ސްޕޯޓްސް މިވަނީ 2026/27 ވަނަ އަހަރުގެ ސީޒަނުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ލީގުގައި ވާދަކުރުމުގެ ޝަރަފު ހޯދާފައެވެ.

ބިސް ބުރުން ޕްރިމިއަރ ލީގަށް ޕްރޮމޯޓުވީ، ހޮނިހިރު ދުވަހުގެރޭ 6-3 އިން ހުރާ ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ބިސްބުރުގެ މުޙައްމަދު ނަޝީދު ހެޓްރިކެއް ވެސް ހަދާފައި ވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450