ޚަބަރު
މުޖުތަމައުގެ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ދައުލަތުގެ މުވައްޒަފުން ކުރަނީ އިހުލާސްތެރި މަސައްކަތެއް: ރައީސް
ަރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
މުޖުތަމައުގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ދައުލަތުގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ނުހަނު އިހުލާސްތެރި މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ދައުލަތުގެ ހިދުމަތްތެރިންގެ ދުވަހުގެ (UN Public Service Day) މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޖުތަމައުގެ ހެޔޮލަފާކަމަށާއި ތަރައްގީއަށްޓަކައި ދައުލަތުގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ރައްކާތެރިކުރުމަށް އެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރައްވާ މަސައްކަތްތަކަށް ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.
On this #UNPublicServiceDay, we honour the dedication and resolute efforts by the public servants, who are tirelessly working towards the betterment of our societies, advancing Sustainable Development Goals (SDGs) and safeguarding communities globally.
— Dr Mohamed Muizzu (@MMuizzu) June 23, 2026
The Government of the… pic.twitter.com/VabARSg3aV
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށާއި، ނަޒާހަތްތެރިކަމާއި ފުރިހަމަކަމާއެކު ހިދުމަތްކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކުންނާއި މުވައްޒަފުން، އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެއްވާ ސާބިތުކަމާއެކީގެ ހިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހުރިހާ މުވައްޒަފުންނަށް އިހުލާސްތެރި ޝުކުރެއް ދަންނަވާފައެވެ.
މި ދުވަހަކީ ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މުހިންމުކަން ފާހަގަކޮށް، އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.