Ads by Farudhun

ޚަބަރު

މެރިޓައިމްގެ ދާއިރާ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި

މެރިޓައިމްގެ ދާއިރާ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފި

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު، ރައީސްގެ އަރަހަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޖޫން 2026، 02:05

24 ޖޫން 2026، 02:05

އިންވެސްޓްމެންޓްގެ ދާއިރާއިންނާއި މެރިޓައިމްގެ ދާއިރާ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ބޭފުޅުން ވަނީ އެކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފާއިތުވެދިޔަ ހަ ދަހަަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މީގެއިތުރުން، ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ތަރައްޤީގެ މަޝްރޫޢުތަކަށާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ރާއްޖެ ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤައުމަށް ފައިދާހުރި ކޮންމެ މަޝްރޫޢަކަށްވެސް ރާއްޖެއިން މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި އެކީގައި މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450