ޚަބަރު
2028 ވަނަ އަހަރު ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
2028 ވަނަ އަހަރުގެ މެދާއި ހިސާބަށް ދާއިރު ރާއްޖޭގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ ހައުސިން މަޝްރޫޢުތައް ނިންމައި ރައްޔިތުންނަށް ހަވާލުކުރުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫޢެއް އެ ދައުރެއްގެ ތެރޭގައި ނިންމިފައި ނުވި ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ އެ ތާރީޚު ބަދަލުކޮށްލުމެވެ. މި އަހަރުގެ ތެރޭގައި ވެސް މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ބައެއް ރަށްރަށުގެ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާރިޖީ ގުޅުންތަކުގެ ތެރެއިން ބޯހިޔާވަހިކަމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "އެކި ޤައުމުތަކާއި އެކު އޮންނަ ގުޅުމުގެ ތެރެއިން، މިސާލަކަށް އިންޑިއާ އަދި ޗައިނާ ސަރުކާރު، މި ގުޅުމުގެ ތެރެއިން މަސައްކަތް ކުރަނީ އިތުރު މަޝްރޫޢުތައް ފެށުމަށް. އަމަލީ ގޮތުން ފްލެޓް އެޅުމުގައި މި އަހަރު ތެރޭގައި އިތުރު ކުރިއެރުންތައް ފެނިގެންދާނެ،" ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފައިނޭންސްގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި ހައުސިން މަޝްރޫޢުތައް ހިންގަން މިހާރު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ މިހާރު ހަމަޖައްސައިދީފައިވާތީ، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
އަތޮޅުތެރޭގެ މަޝްރޫޢުތަކަށް ބަލާއިރު، އެންމެ ބޮޑު އެއް މަޝްރޫޢު ކުރިއަށްދަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގައި އަޅާ 400 ހައުސިން ޔުނިޓުގެ އެގްރީމެންޓް އެކުލަވާލުމުގެ ފަހުގެ މަރުހަލާ މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރީ ސަރުކާރުން ފަށައި ހުއްޓިފައި ހުރި މަޝްރޫޢުތައް ވެސް އައު ފައިނޭންސިން މޮޑެލްތަކެއްގެ ދަށުން އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.
ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ގޯއްޗާއި ގެދޮރުގެ ވަޢުދުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ސަރުކާރުގެ އުންމީދަކީ ހައުސިން ދާއިރާއިން އާންމުންނަށް އިތުރު ފުރުސަތުތައް ހުޅުވާލައި، ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.