ކުޅިވަރު

ބިސް ބުރު ޕްރިމިއަރ ލީގަށް ގެންގޮސްދިނުމަށްފަހު ލިއުބީ އެ ޓީމުން ވަކިވެއްޖެ

ބިސް ބުރު ޕްރިމިއަރ ލީގަށް ގެންގޮސްދިނުމަށްފަހު ލިއުބީ އެ ޓީމުން ވަކިވެއްޖެ

މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ) / ފޮޓޯ: ޕީއެސްއެމް

29 ޖޫން 2026، 08:47

ބިސް ބުރު ސްޕޯޓްސް ކްލަބަށް ތާރީޚީ ކާމިޔާބީތަކެއް ހޯދައިދީ، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމަށްފަހު، ޓީމުގެ ކޯޗު މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ) އެ މަގާމުން ވަކިވެއްޖެއެވެ.

ލިއުބީ ބިސް ބުރުގެ ކޯޗުކަމުން ވަކިވެފައިވަނީ އެ ކްލަބާއެކު އޭނާ ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މި ނިންމުމަކީ ކްލަބުގެ މެނޭޖްމަންޓާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިއުބީގެ އިރުޝާދުގެ ދަށުން ވޭތުވެދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ބިސް ބުރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ނުވަތަ މާލޭ ރީޖަނަލް ލީގުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއެވެ. އަދި ދިވެހި ލީގު ކޮލިފިކޭޝަންގެ ދެވަނަ މަގާމު ކާމިޔާބުކޮށް، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުން ބިސް ބުރު ވަނީ ޖާގަ ކަށަވަރުކޮށްފައެވެ.

ކޯޗު ލިއުބީ ފާހަގަކުރެވެނީ ހަމައެކަނި ފުޓުބޯޅައިގައެއް ނޫނެވެ. އޭނާއަކީ ރާއްޖޭގެ ފުޓްސަލް ކޯޗިންގ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. ރާއްޖޭގައި ފުޓްސަލް ކޯޗިންގގެ އެންމެ މަތީ ލައިސެންސް ހާސިލުކޮށްފައިވާ ދެ ކޯޗުންގެ ތެރޭގައި ލިއުބީ ހިމެނޭއިރު، އޭނާގެ އިރުޝާދުގެ ދަށުން އެކި ޓީމުތަކުން ވަނީ ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

ކުރިމަގާ ބެހޭގޮތުން "ޕީއެސްއެމް" އަށް ދިން އިންތަވިއުއެއްގައި ލިއުބީ ބުނީ، ކުރިއަށް އޮތް އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބައެއް ޓީމުތަކުން އޭނާއަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ޓީމަކާއެކު ރަސްމީކޮށް އެއްބަސްވުމަކަށް އައިސްފައި ނުވާކަމަށާއި، ކުރިއަށް ދާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާކަމަށް އޭނާ ފާހަގަކުރިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450