ކުޅިވަރު
އަނގަ ފޮރުވައިގެން ރަތް ކާޑު ދެއްކި ދެވަނަ ކުޅުންތެރިއަކަށް ހެންކެޕީ
ހެންކެޕީއަށް ރަތް ކާޑު ދެއްކި ހާދިސާ---
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިދިކޮޅު ކުޅުންތެރިއަކާ ކުރިމަތިލައި ވާހަކަދެއްކިއިރު އަނގަ ފޮރުވައިގެން ހުރުމުގެ ސަބަބުން، އިކުއެޑޯގެ ޑިފެންޑަރު ޕިއޭރޯ ހެންކެޕީއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މިއީ އާ ޤަވާއިދުގެ ދަށުން ރަތް ކާޑު ދެއްކި ދެވަނަ ކުޅުންތެރިޔާއެވެ.
އާސެނަލްއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ހެންކެޕީއަށް ރަތް ކާޑު ދެއްކީ މިއަދު ހެނދުނު މެކްސިކޯ އަތުން 2-0 އިން އިކުއެޑޯ ބަލިވި މެޗުގެ ނިމެންދަނިކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެކްސިކޯގެ ސަންޓިއާގޯ ގިމެނޭޒްއާ ވާހަކަދެއްކިއިރު ހެންކެޕީ ހުރީ އަތުން އަނގަ ފޮރުވައިގެންނެވެ.
ސްލޮވީނިއާގެ ރެފްރީ ސްލާވްކޯ ވިންޗިޗަށް މި ހާދިސާ ފުރަތަމަ ނުފެނުނު ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) ގެ އެހީތެރިކަމާއެކު ދަނޑު ކައިރީގައި ހުރި މޮނިޓަރުން ހާދިސާ ބެލުމަށްފަހު އޭނާ ވަނީ ހެންކެޕީއަށް ރަތް ކާޑު ދައްކާފައެވެ.
ފީފާއިން ވޯލްޑް ކަޕްގައި އަލަށް އަމަލުކުރަން ފެށި މި ޤަވާއިދުގެ ދަށުން، މީގެ ކުރިން ރަތް ކާޑު ދައްކާފައިވަނީ ޕެރަގުއޭގެ ވިންގަރ މިގޭލް އަލްމިރޮންއަށެވެ. ގްރޫޕް ސްޓޭޖުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ދަނޑުން ފޮނުވާލި ނަމަވެސް، އެ މެޗުން ޕެރަގުއޭ ވަނީ 1-0 އިން މޮޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަފުތާގައި އިންގްލެންޑުގެ ޖޫޑް ބެލިންހަމް ގާނާގެ ޖޯޑަން އަޔޫއާ ވާހަކަދެއްކިއިރު އަނގަ ފޮރުވި ނަމަވެސް، އޭނާއަށް ރަތް ކާޑެއް ނުދައްކައެވެ. މި މުބާރާތުގެ ކުރިން ފީފާގެ ރެފްރީންގެ ވެރިޔާ ޕިއަރލުއިޖީ ކޮލީނާ ބުނީ "އެކުވެރި މާހައުލެއްގައި" ވާހަކަދައްކާއިރު އަނގަ ފޮރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، މި ޤަވާއިދު ހަދާފައިވަނީ ކުޅުންތެރިންގެ މެދުގައި ޒުވާބު ހިނގާ ވަގުތުތަކުގައި ނުވަތަ ކުރިމަތިލުންތަކުގައި އަނގަ ފޮރުވައިގެން ބޭނުންކުރާ ނުރަނގަޅު ބަސްމަގު ހުއްޓުވުމަށެވެ.
މި ޤަވާއިދު ތައާރަފްކުރަން ނިންމީ މިދިޔަ އޭޕްރީލް މަހު ވެންކޫވަރގައި ބޭއްވި އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑު (IFAB) ގެ ބައްދަލުވުމެއްގައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މި ނިންމުމަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުޅުންތެރިން އަނގަ ފޮރުވައިގެން ވާހަކަދައްކާނަމަ، ރެފްރީން ބަލަންވާނީ އެ ކުޅުންތެރިއަކު ބުނަން ނުޖެހޭ ފަދަ އެއްޗެއް ބުނީކަމަށް ކަމަށެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާއާ ވާހަކަދެއްކިއިރު ޖާޒީން އަނގަ ފޮރުވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ޕްރެސްޓިއާނީގެ މައްޗަށް ހޯމޯފޯބިކް އަމަލެއް ހިންގިކަން ސާބިތުވެ، ޔުއެފާއިން ވަނީ އޭނާ ހަ މެޗަށް ސަސްޕެންޑް ކޮށްފައެވެ.
މި ޤަވާއިދުގެ ދަށުން، ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުގެ ފަހުގެ ނިންމުން ނިންމާނީ ރެފްރީއެވެ. އޭނާ އެ ނިންމުން ނިންމާނީ އެ ވަގުތެއްގެ ހާލަތަށާއި ކަން ހިނގައިދިޔަ ގޮތަށް ބެލުމަށްފަހުގައެވެ.