ދުނިޔެ
ޗައިނާގައި ރޮބޮޓު ތަމްރީނުކުރާ ފުރަތަމަ ސްކޫލް ހުޅުވައި ކިޔަވައިދޭން ފަށައިފި
ރޮބޮޓް ތަމްރީނުކުރާ ސްކޫލް
ޗައިނާގެ އިރުމަތީ ޒެޖިއަންގް ޕްރޮވިންސްގެ ހަންގްޒޫގައި، އިންސާނުންނާ އެއްގޮތަށް ހަރަކާތްތެރިވާ "ހިއުމަނޮއިޑް" ރޮބޮޓަށް ޚާއްސަ ދުނިޔޭގެ ފުރަތަމަ ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ހުޅުވި މި ސްކޫލުގެ ފުރަތަމަ ބެޗުގައި 30 ރޮބޮޓަކަށް ވަނީ ޖާގަ ދީފައެވެ.
ޒެޖިއަންގް ޔުނިވާސިޓީގެ ރޮބޮޓިކްސް އިންސްޓިޓިއުޓާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އަމިއްލަ ސިނާއީ ކުންފުނިތައް ގުޅިގެން އުފެއްދި މި ސްކޫލުގެ މައިގަނޑު މަގްސަދަކީ ރޮބޮޓުގެ ހުނަރުތައް އިތުރުކޮށް، އެކި ދާއިރާތަކުން ސެޓްފިކެޓް ހާސިލުކުރުމަށްފަހު އަމަލީ މަސައްކަތުގެ މައިދާނަށް ނެރުމެވެ.
މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ޓެކްނިކަލް މަސައްކަތްތަކާއި، ނާސިން ނުވަތަ ބަލިމީހުން ބެލެހެއްޓުމާއި، އާޓްސް ނުވަތަ ފަންނުވެރިކަމުގެ އިތުރުން ކުޅިވަރުގެ ދާއިރާއެވެ. ސްކޫލުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓައީ އަޅުވާފައި ތިބި މި ރޮބޮޓުތައް ދަނީ ޓޭބަލް ޓެނިހާއި ބާސްކެޓްބޯޅަ ކުޅުމުގެ އިތުރުން ޕިއާނޯ ކުޅެން ވެސް ދަސްކުރަމުންނެވެ.
މި ރޮބޮޓުތަކުގެގެ ވިސްނުން ތަރައްގީކުރުމަށްޓަކައި "އިންފިނިޓް ބްރެއިން" ނަމަކަށް ކިޔާ ހާއްސަ ހާޑްވެއާ މޮޑިއުލެއް ކޮންމެ ރޮބޮޓެއްގައި ވަނީ ހަރުކުރެވިފައެވެ. މީގެ ސަބަބުން ކަންކަން ފެނިގެން ދެނެގަތުމާއި، އަމިއްލައަށް މިސްރާބު ހޯދުމާއި، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ނިންމުމުގެ ގާބިލުކަން ރޮބޮޓަށް ލިބިގެންދާނެއެވެ.
ނޯބްލިލިފްޓް ގްރޫޕުގެ އެގްޒެކެޓިވް ޕްރެޒިޑެންޓް ޒޫ ސޮންގުއީ ވިދާޅުވި ގޮތުގައި، މި ސްކޫލުން ދަސްވެނިވާ ރޮބޮޓުންނަށް އަމަލީ މައިދާނުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، އެކި ބާވަތުގެ ވަޒީފާތައް އަދާކުރުމުގެ ފުރިހަމަ ގާބިލުކަން ލިބޭނެއެވެ.
ކޯސްތައް ނިންމައި އިމްތިހާނުތަކުން ފާސްވާ ރޮބޮޓުންނަށް، އިންސާނުންނަށް ދޭ ފަދަ ފަންނީ ސެޓްފިކެޓްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ސިނާއީ މަސައްކަތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި މި ރޮބޮޓުން ފުލްޓައިމްކޮށް މަސައްކަތް ކުރަން ފަށާނެއެވެ.