ކުޅިވަރު
ރޮނާލްޑޯއަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ގޯލުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ލިބިއްޖެ
ގޯލު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ / ފޮޓޯ: އޭޕީ
ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ލަނޑުޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑާއެކު ފުޓްބޯޅަ ތާރީޚުގެ ތެރެއިން އާ ޞަފްޙާއެއް ލިޔެފިއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި، ރޮނާލްޑޯ ވަނީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގައި ނޮކްއައުޓް މެޗެއްގައި ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯ މި ތާރީޚީ ލަނޑު ކާމިޔާބުކުރީ އުމުރުން 41 އަހަރާއި 147 ދުވަހުގައެވެ. މިއާއެކު އޭނާ ވެފައިވަނީ އުމުރުން 40 އަހަރު ފުރުނު ފަހުން ވޯލްޑް ކަޕެއްގެ ނޮކްއައުޓް މެޗެއްގައި ގޯލެއް ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މީގެ ކުރިން މި ރެކޯޑު އޮތީ ރޮނާލްޑޯއާއެކު ޕޯޗުގަލް ޓީމަށް ކުޅުނު ޕެޕޭ އަތުގައެވެ. ޕެޕޭ މި ރެކޯޑު ހެދީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލޭންޑާ ދެކޮޅަށް ޖެހި ލަނޑާއެކުއެވެ. އޭރު އޭނާގެ އުމުރަކީ 39 އަހަރާއި 283 ދުވަހެވެ.
މެޗުގެ ކުރީކޮޅު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ލަނޑެއް ޖަހައި ކުރިހޯދާފައިވަނިކޮށް، ޕޯޗުގަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ކޯނަރެއްގެ ތެރެއިން ޕޯޗުގަލްގެ ޑިފެންޑަރު ރެނާޓޯ ވޭގާއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ރޮނާލްޑޯ ވަނީ ވަރަށް ހަމަޖެހިލައިގެން މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި ޕެނަލްޓީގެ ކުރިންވެސް ރޮނާލްޑޯ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، އޭނާގެ ކޮނޑު އޮފްސައިޑް މަގާމެއްގައި އޮތުމުން، ވީއޭއާރުން ބެލުމަށްފަހު އެ ގޯލު ބަލައިނުގަންނަން ނިންމިއެވެ.
ޕޯޗުގަލް މެޗުން މޮޅުވީ ގޮންޗާލޯ ރާމޯސް ކާމިޔާބުކުރި ދެވަނަ ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޕޯޗުގަލް ވަނީ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ކްރޮއޭޝިއާގެ ޔޮސްކޯ ގްވާޑިއޯލް ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑުވެސް އޮފްސައިޑް ކަމަށް ނިންމާފައެވެ. އެއީ ގްވާޑިއޯލްއަށް ބޯޅަ ލިބުމުގެ ކުރިން، އެ ބޯޅަ ކުޅުނު މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.
މި ވޯލްޑް ކަޕަކީ ގިނަ ރެކޯޑު ތަކެއް މުގުރަމުންދާ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އާޖެންޓީނާގެ ލިއޮނެލް މެސީ ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މީގެ އިތުރުން ރޮނާލްޑޯ އާއި މެސީގެ އިތުރުން، މެކްސިކޯގެ ގިއުލާމޯ އޮޗޯއާއަށް ވަނީ 6 ވޯލްޑް ކަޕްގައި ކުޅުނު ހަމައެކަނި ކުޅުންތެރިންގެ ޝަރަފު ވެސް ލިބިފައެވެ.
ހަމައެއާއެކު، މި ވޯލްޑް ކަޕާއެކު މެކްސިކޯގެ އެޒްޓެކާއަކީ މިހާތަނަށް ތިން ވޯލްޑް ކަޕެއް ކުޅޭ ހަމައެކަނި ސްޓޭޑިއަމްއެވެ.