ޚަބަރު
މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު: ރައީސް
ރައީސުލްޖުމްހޫރިއްޔާ "ދަ ޕަލްސް ޕޮޑްކާސްޓް" ގައި / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން އަނބުރާ މުޖުތަމަޢަށް ގެނެސް، ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު މަފްހޫމް ކަމަށެވެ.
މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާން މެދުވެރިވާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ އޭގެ އަސްލު ސަބަބުތައް ހޯދައި، އެކަންކަމަށް ފަރުވާދީގެން ކަމަށެވެ. އެގޮތުން، ގޯތިގެދޮރުގެ ދަތިކަމާއި، މީގެ ކުރީގެ ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކަކީވެސް ޒުވާނުން މަސްތުވާތަކެއްޗަށް ހުށަހެޅުމުގެ ފަހަތުގައިވާ ސަބަބުތަކެއްކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ޒުވާނުން މި ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ގޮތްތަކާއި ކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި، ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމާއި، ތަޢުލީމީ ފުރުސަތުތައް އިތުރުކުރުމަކީވެސް މި މައްސަލަ ޙައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި މައްސަލައިގެ އަސްލު ސަބަބުތަކަށް އަމާޒުކޮށް، މާނަހުރި އަދި ހަޤީޤީ ބަދަލެއް އަންނާނެ ގޮތަކަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލުތަކެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އެ މަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.