ޚަބަރު
މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތައް ފުލުހުންގެ ތެރެއިން މިހާރު ނައްތާލެވިއްޖެ: ރައީސް މުއިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ފާހަގަވި މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތައް ފުލުހުންގެ ތެރެއިން މިހާރު ނައްތާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިއުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ހާއްސަކުރެވިފައިވާ މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ފަރާތުން ދެންނެވި ސުވާލުލަކަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ނޭދެވޭ ނުފޫޒުތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، "މިސާލަކަށް ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނެއްކާވެސް މުޖުތަމައަށް ދިއުންފަދަ ނުބައި ނުފޫޒުތައްވެސް ހުރި، އެވަކިތައް ވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތުލިބޭ ވާހަކަ،" ކަމަށެވެ.
މީގެއިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގުކުށްތަކުގައި މަރުވާ މީހުންގެ އަދަދުވެސް މިހާރު މަދުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުމެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ އެކު ކުރިއަށް ގެންދިޔަ މި ޕޮޑްކާސްޓުގައި، ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހިއްސާކުރައްވާފައިވެއެވެ. އަދި މިއަދުގެ މައުޟޫއަށް އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުއޫރުތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.