ކުޅިވަރު
އާޖެންޓީނާ ނޮކްއައުޓް ދެވަނަ ބުރަށް، ނަމަވެސް ކޭޕް ވާޑުން ދުނިޔެ ސިއްސުވާލައިފި
ގޯލު ޖެހުމަށްފަހު މެސީ އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް
ވާދަވެރި ކުޅުމަކަށްފަހު 3-2 އިން ކޭޕް ވާޑް ބަލިކޮށް، ލިއޮނަލް މެސީ އާއި އާޖެންޓީނާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ކުޑަކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑުން ދެއްކި ހިތްވަރާއި، ކެތްތެރިކަމާއި ކުޅުނު މޮޅު ކުޅުމުން ދުނިޔެ ވަނީ ސިހިފައެވެ. އަދި ޗެމްޕިއަން އާޖެންޓީނާއަށް އެ ޓީމުން ވަނީ އިތުރު ވަގުތުގެ ފަހު ސިކުންތާ ހަމައަށް ގޮންޖެހުންތައް ކުރިމަތިކުރުވާފައެވެ.
މި މެޗުގައި އާޖެންޓީނާ މޮޅުވި ލަނޑަކީ، 111 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ ބޮލުން ފޮނުވާލި ހަމަލާއެއް ކޭޕް ވާޑްގެ ޑިނީ ބޯޖެސްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ކުރީކޮޅު މެސީ ޖެހި ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި 20 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް އމުގުރާލާފައެވެ. އޭގެ ފަހުން 103 ވަނަ މިނެޓުގައި ލިސަންދްރޯ މާޓިނޭޒް ޖެހި ލަނޑުން އާޖެންޓީނާއަށް 2-1 އިން ކުރިލިބުނެވެ. ނަމަވެސް ސައުތު ފްލޮރިޑާގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑްގެ ސިޑްނީ ލޯޕޭސް ކަބްރާލް އަދި ޑެރޯއި ޑުއާޓޭ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މި މޮޅާއެކު އާޖެންޓީނާ ދެން ބައްދަލުކުރާނީ އިޖިޕްޓާއެވެ. އިޖިޕްޓުން ނޮކްއައުޓް ދެވަނަ ބުރަށް ދަތުރުކުރީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކުރުމަށްފަހުއެވެ. އާޖެންޓީނާ އާއި އިޖިޕްޓް ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހު އެޓްލާންޓާގައެވެ.
ވޯލްޑް ކަޕަށް މުޅިން އައު ޓީމެއް ކަމުގައިވާ ކޭޕް ވާޑުން ދެއްކި ހިތްވަރުގަދަ ކުޅުމަކީ ގިނަ ބަޔަކު އުންމީދު ކުރި ކަމެއް ނޫނެވެ. އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާގެ މޮޅު ކުޅުމާއެކު، ކޭޕް ވާޑް ވެފައިވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމަށެވެ. އެ ގައުމުން ވަނީ ސްޕެއިން، އުރުގުއޭ އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ހޯދާފައެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ވޮޒީނިއާ ވަނީ ނުރައްކާތެރި 10 ހަމަލާއެއް ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި މެސީ ފޮނުވާލި ފަސް ހަމަލާއެއް ހިމެނެއެވެ.
އާޖެންޓީނާގެ ކެޕްޓަން މި މުބާރާތުގައި މިހާތަނަށް 7 ލަނޑު ޖަހާފައިވާއިރު، މިއީ ރަން ބޫޓުގެ ރޭހުގައި ފްރާންސްގެ ކީލިއަން އެމްބާޕޭއަށްވުރެ އެއް ލަނޑު އިތުރު އަދަދެކެވެ. މީގެ އިތުރުން ވޯލްޑް ކަޕްގެ ތާރީޚީ ލަނޑު ލިސްޓުގައި އެމްބާޕޭއަށްވުރެ ދެ ލަނޑު ކުރީގައި އޮތް މެސީ، މިހާރު ވަނީ ޖެހިޖެހިގެން 8 މެޗުގައި ލަނޑު ޖަހައި، އެ މެޗުތަކުން ޖުމްލަ 12 ލަނޑު ހަމަކޮށްފައެވެ.