ދުނިޔެ
ހާމަނާއީގެ ޖަނާޒާގައި ކިޔެވި އާޔަތްތަކުން ގައުމުތަކަށް ވަރުގަދަ މެސެޖުތަކެއް ދީފި
ހާމަނާއިގެ ޖަނާޒާ
އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވި އެކި ގައުމުތަކުގެ ވަފުދުތަކަށް މަރުހަބާ ކިޔުމުގައި ބޭނުންކުރި ގުރުއާނުގެ އާޔަތްތަކުން، ސިޔާސީ އަދި ފިކުރީ ގޮތުން އެ ގައުމުތަކާ މެދު އީރާން ދެކޭގޮތް ހާމަކޮށްފިއެވެ.
އުމުރުފުޅުން 86 އަހަރުގައި އަލީ ޚާމަނާއީ އަވަހާރަކޮށްލީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާންގައި ހުންނަވާ ގެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދިން ޙަމަލާއެއްގައެވެ. މި ޙަމަލާގައި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އަވަހާރަވެފައެވެ. ތެހެރާންގެ ގްރޭންޑް މުސައްލާގައި ތިން ދުވަސް ވަންދެން ހަށިކޮޅު ބޭއްވުމަށްފަހު ބޭއްވި ޖަނާޒާގައި 30 އަށްވުރެ ގިނަ ގައުމުގެ ވަފުދުތަކުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ވަފުދު އިޙްތިރާމް އަދާކުރަން ދިޔަވަގުތު ކިޔެވި އާޔަތްތަކުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެ ވަގުތު ކިޔެވީ ބަދުރު ހަނގުރާމައިގެ މޮޅުވުމާ ގުޅޭ އާލް-ޢިމްރާން ސޫރަތުގެ 13 ވަނަ އާޔަތެވެ. މިއީ އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އީރާނުން ހޯދި ކާމިޔާބީއަށް އިޝާރާތްކޮށް، ހަނގުރާމައިގައި އެމެރިކާއާ ގާތްގުޅުމެއް ބޭއްވި ސައުދީއަށް ދިން ނުސީދާ ރައްދެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އިދިކޮޅު ހަރަކާތްތަކަށް މަރުހަބާ: ޝަހީދުންނާއި ނަސްރުގެ އާޔަތްތައް
ހަމާސް، ހިޒްބުالله، ހޫޘީން އަދި ތާލިބާނުން ފަދަ ޖަމާއަތްތަކުގެ ވަފުދުތަކަށް ކިޔެވީ ޝަހީދުވުމާއި، ވަޢުދު ފުއްދުމާއި، ގަދަފަދަ ނަސްރުގެ ވާހަކަ ހިމެނޭ އާޔަތްތަކެވެ.
ހަމާސް: މާތް ﷲ އަށްވީ ވަޢުދު ފުއްދި މީހުންގެ ވާހަކަ ހިމެނޭ އާޔަތް.
ހިޒްބުالله: މުއުމިނުންނަށް މަތިވެރިކަން ލިބޭނެކަމުގެ އާޔަތް.
ހޫޘީން: ދީނުގެ ދުޝްމަނުންނާ މެދު ހަރުކަށި، އެކަކު އަނެކަކަށް އޯގާތެރި މީހުންގެ ސިފަ ބަޔާންކުރާ އާޔަތް.
ބޮޑެތި ބާރުތަކަށް އިޙްތިރާމް:
ރަޝިޔާ، ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކަށް ކިޔެވީ ހަނގުރާމައިގެ ވާހަކަތަކުގެ ބަދަލުގައި، ސާލިޙު އަމަލުތަކާއި، ހިތްހަމަޖެހުމާއި، އާޚިރަތުގެ ބާއްޖަވެރިކަމުގެ އާޔަތްތަކެވެ. މިއީ އެ ގައުމުތަކަކީ އީރާނުގެ މިތުރުންގެ ގޮތުގައި ބަލައިގަންނަކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.
ސަރަޙައްދީ ގައުމުތަކަށް ދިން މެސެޖު:
ގަތަރާއި، ތުރުކީ އަދި ޕާކިސްތާނަށް ކިޔެވީ އެ ގައުމުތަކުން ކުރި މަސައްކަތާއި ސުލްޙައަށް ކުރި ދަތުރުތަކާ ގުޅޭ އާޔަތްތަކެވެ. ނަމަވެސް ލުބުނާނުގެ ރަސްމީ ސަރުކާރުގެ ވަފުދަށް ކިޔެވި އާޔަތުން ދިނީ ވަރުގަދަ އިންޒާރެކެވެ. އެއީ ގައުމަށްޓަކައި ގުރުބާންވުމަށް އަމުރުކުރެއްވުމުން އެކަމަށް ފަސްޖެހުނު މީހުންގެ ވާހަކަ ހިމެނޭ އާޔަތެވެ. މިއީ އިސްރާއީލާ ދެކޮޅަށް ލުބުނާނު ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ ދިން ރައްދެއް ކަމަށް ބެލެވެއެވެ.
މި ޖަނާޒާއަކީ ހަމައެކަނި ދީނީ ރަސްމިއްޔާތެއް ނޫން ކަމަށާއި، މިއީ އީރާނުން އެ ގައުމުގެ ވަރުގަދަކަން ދުނިޔެއަށް ދައްކައިދިނުމަށް ބޭނުންކުރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.