ޚަބަރު
ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ސައުދީގެ އިސް ވަފުދު ރައީސް އާއި ބައްދަލު ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ސައޫދީ އަރަބިއްޔާގެ މަތީ ފަންތީގެ ވަފުދަކުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސައޫދީ ވަފުދުގެ ބޭފުޅުންނާއެކު ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ހަރަމްފުޅުގެ ޚާދިމް، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ސައޫދީ ސަރުކާރުން ދެއްވަމުންދާ ދީލަތި އެހީތެރިކަމާއި، ބަހައްޓަވާ ގާތްކަމަކީ ދިވެހި ސަރުކާރުން ނުހަނު އިޚްލާޞްތެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.
ސައޫދީ ވަފުދުގެ ބޭފުޅުންގެ ފަރާތްޕުޅުން ވަނީ ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުޙަބާއާއި ބެހެއްޓެވި މެހުމާންދާރީއަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.