ދުނިޔެ

ސައުދީ އަރަބިއްޔާއިން ފަތުރުވެރިންނަށް ޕެކޭޖް ވިސާ" ގެ ޕައިލެޓް ޕްރޮގްރާމެއް ތައާރަފުކޮށްފި

ސައުދީ އަރަބިއްޔާއިން ފަތުރުވެރިންނަށް ޕެކޭޖް ވިސާ" ގެ ޕައިލެޓް ޕްރޮގްރާމެއް ތައާރަފުކޮށްފި

ސައުދީ ޢަރަބިއްޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ޖުލައި 2026، 09:38

07 ޖުލައި 2026، 09:38

ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ މިނިސްޓްރީ އޮފް ޓޫރިޒަމުން އަލަށް "ޕެކޭޖް ވިސާ" ގެ ޕައިލެޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.

މިއީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އިންޓީރިއާ އަދި އިންޝުއަރެންސް އޮތޯރިޓީ ގުޅިގެން ފަށާފައިވާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ޝަރުތުހަމަވާ ފަތުރުވެރިންނަށް އެއް ޕެކޭޖެއްގެ ދަށުން ދަތުރުފަތުރާއި، ހުރުމާއި، އަދި ޓޫރިސްޓް ވިސާ ހިމެނޭހެން ހިދުމަތްތައް ހޯދޭނެއެވެ.

ސައުދީގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަލް-ޚަތީބު ވިދާޅުވީ، މިއީ ސައުދީ އަރަބިއްޔާއަކީ ފަސޭހަކަމާއެކު ޒިޔާރަތްކުރެވޭނެ މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ވިސާގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް އިތުރު ބާރުވެރިކަން ލިބި، ފަތުރުވެރިންނަށް މާ ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން، ފާސްކޮށްފައިވާ ދަތުރުފަތުރުގެ ހިދުމަތްދޭ އޭޖެންސީތައް މެދުވެރިކޮށް ދެކޮޅު ދަތުރުގެ ޓިކެޓާއި، ހުއްދަދެވިފައިވާ ތަންތަނުން ހުރުމުގެ އިންތިޒާމާއި، އަދި އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ އެއްކޮށް ބުކް ކުރެވޭނެއެވެ. މީގެ އިތުރުން، އެކި ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ކަންކަންވެސް މި ޕެކޭޖުތަކުގައި ހިމެނުމުގެ ފުރުސަތު އޭޖެންސީތަކަށް ލިބިގެންދާނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނި ގޮތުގައި، މި ބަދަލާއެކު އިދާރީ މަރުހަލާތައް މަދުވެ، ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް މާ ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިން ގައުމުގައި ހޭދަކުރާ މުއްދަތު އިތުރުވެ، އިގްތިސާދަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ. ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ޑިޖިޓަލް ބުކިންގް ޕްލެޓްފޯމްތަކާއި 24 ގަޑިއިރު ކަސްޓަމާ ސަޕޯޓް ދެވޭ ފަދަ ހަރުދަނާ އުސޫލުތަކަށް ފެތޭ ކުންފުނިތަކަށް އެކަންޏެވެ.

ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރުވެސް އަންނަނީ ބާރުމިނެއްގައި ކުރިއަރަމުންނެވެ. 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމަށް ޖުމްލަ 123 މިލިއަން ފަތުރުވެރިން (އެތެރެއާއި ބޭރުން) ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ބޭރު ގައުމުތަކުން ޒިޔާރަތްކުރި 29.3 މިލިއަން ފަތުރުވެރިންގެ ފަރާތުން 176.6 ބިލިއަން ސައުދީ ރިޔާލްގެ އާމްދަނީއެއް ލިބިފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2025 ވަނަ އަހަރު ސައުދީއަށް ދިޔަ ފަތުރުވެރިންގެ 52 އިންސައްތައަކީ ދީނީ ނޫން ބޭނުންތަކަށް ޒިޔާރަތްކުރި ފަރާތްތަކެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު 1.03 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސައުދީ އަންހެނުން ހިއްސާކުރާ މިންވަރު ވަނީ 47 އިންސައްތައަށް އިތުރުވެފައެވެ. މިއީ 2018 ވަނަ އަހަރު އޮތް 5 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450