ދުނިޔެ
އަހުމަދީނިޖާދް އަވަހާރައެއް ނުވޭ، ހާމަނާއީގެ ޖަނާޒާގައި ފެނިވަޑައިގަތުމުން ގިނަބަޔަކަށް ހައިރާންކަން
އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދް
އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ޖަނާޒާގެ ރަސްމިއްޔާތުގައި، އެގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދް ކުއްލި ގޮތަކަށް ފެނިވަޑައިގަތުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.
އީރާނާއި އިސްރާއީލާއި ދެމެދު ކުރެވުމުންދާ ހަނގުރާމައިގެ ކުރީކޮޅު، އަހުމަދީނިޖާދް އަވަހާރަވެފައިވާ ކަމަށް ބުނެ ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ތެހެރާންގައި ބޭއްވި ޚާމަނާއީގެ ޖަނާޒާގައި އޭނާ ބައިވެރިވެވަޑައިގަތުމާއެކު، އެއީ ދޮގު ޚަބަރުތަކެއްކަން މިވަނީ ކަށަވަރުވެފައެވެ.
2005 އިން 2013 އަށް އީރާނުގެ ރައީސްކަން ކުރެއްވި އަހުމަދީނިޖާދް ފެނިވަޑައިގަތީ ކަޅު ހެދުމެއްގައި، އާންމު ރައްޔިތުންނާ އެކު ތެހެރާންގެ މަގުތަކުގައި ހިންގަވަނިކޮށެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަހުމަދީނިޖާދް އަވަހާރަވީ އޭނާ ދިރިއުޅުއްވާ ގޭގެ ކައިރިއަށް ދިން މިސައިލް ހަމަލާއެއްގައެވެ. އެހެންނަމަވެސް، އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަން މީގެ ކުރިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި ޖަނާޒާގައި އީރާނުގެ މިހާރުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި، ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ހިމެނޭހެން ސިޔާސީ އަދި އަސްކަރީ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ޚާތަމީ އާއި ހަސަން ރޫހާނީ މި ރަސްމިއްޔާތުން ފެނިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ދެ ބޭފުޅުންނަށް ޖަނާޒާއަށް ދައުވަތު ދީފައެއް ނުވެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، ޚާމަނާއީގެ ޖަނާޒާގައި ގާތްގަނޑަކަށް 20 މިލިއަން މީހުން ބައިވެރިވެފައިވެއެވެ. މި އެއްވުމުގެ ތެރޭގައި އެމެރިކާއާ ދެކޮޅު ބެނާތަކާއި ޝިއާރުތައް އުފުލާފައިވާއިރު، ޑޮނަލްޑް ޓްރަމްޕްގެ ސިފަޖެހޭ ބުދުތައް ވެސް ބައެއް މީހުން ގެންގުޅުނެވެ.
އީރާނުގެ އައު ރޫހާނީ ލީޑަރުގެ މަގާމަށް އައްޔަންކުރެވުނު މުޖްތަބާ ޚާމަނާއީ މި ޖަނާޒާގެ ތެރެއިން ފެނިފައި ނުވި ނަމަވެސް، އޭނާގެ އަޚުން ކަމަށްވާ މުސްތަފާ، މަސްއޫދު އަދި މައިސަމް ޚާމަނާއީ ވަނީ ޖަނާޒާގެ ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ. މިއީ އެބޭފުޅުންގެ ބައްޕަ އަވަހާރަވި ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.