ޚަބަރު
އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށަނީ
ރައީސް މުއިއްޒު ކުޑަކުއްޖަކާއެކު. ފޮޓޯ: އެކްސް
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއް ކަމަށްވާ އިޙްތިރާމް ކުރުން އަލުން އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓިޓީ އޮތީ ގެއްލުމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ރާއްޖޭގެ ތާރީޚު ދިރާސާކޮށް ސަޤާފީ ކަންކަން އާލާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ސިޔާސީ އޮއެވަރު އައި ހިސާބުން ފެށިގެން އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ސިފަ ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ކުރިން ވިއްޔާ އަވައްޓެރިންނަށްވެސް އިޙްތިރާމް ކުރާނެ. އަމުދުުން ބޮޑެތި މީހުންނަށް އިޙްތިރާމް ކުރާނެ. އެއްބަޔަކު އަނެއްބަޔަކު މެދު އަޚުލާޤީ މިންގަނޑު ހިފަހައްޓާނެ. ނަމަވެސް ސިޔާސީ އޮއެވަރު ވަރުގަދަވަމުން އައިސް މޫލަމުން ދިޔަ ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އިޚުތިރާމް އަދާކުރުން މިއޮތީ ނެތިގެން ގޮއްސަ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ކެމްޕެއިން ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކާއި ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށާއި، މިއީ ހުރިހާ މުއައްސަސާތަކާއި ޖަމްޢިއްޔާތަކެއް ބައިވެރިވެގެން ކުރިއަށްގެންދާނެ ބޮޑު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި އިސްރަށްވެހިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އެމަނިކުފާނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން މި ކެމްޕެއިނުގައި ނަމޫނާ ދެއްކެވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވުމުގެ މާނައަކީ އިޚުތިރާމް އަދާކުރުން ހުއްޓާލުން ނޫން ކަމަށާއި، ޤައުމީ އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި އެންމެންވެސް ޒިންމާދާރުވާންޖެހޭ ކަމަށެވެ.
ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހި ސަޤާފަތާއި ބަސް އާލާކުރުމުގެ އިތުރުން، މީގެ ކުރިން އަޅާނުލާ ދޫކޮށްލާފައިވާ ޤައުމިއްޔަތުގެ މުހިއްމު ބަހާތަކަށް އިސްކަންދީގެން ވަށާޖެހޭ މަސައްކަތްތަކެއް ކުރުން ކަމަށެވެ.