ދުނިޔެ
ޖަނަވާރުންވެސް ނުގެންގުޅޭހާ ދަތި ހާލުގައި ފޮރުވައިގެން މުޅި އުމުރު ގެންގުޅުނު 16 ކުޑަ ކުއްޖަކު ސަލާމަތްކޮށްފި
އެކުދިން ފޮރުވާފައިވާ ކޮޓަރި އަދި ގެ ބަލާ ފާސްކުރަނީ
އެމެރިކާގެ އޯހައިއޯގެ ރަށެއްގައި ހުންނަ ގެއަކުން ބޭސްފަރުވާއަށް ނުހަނު ބޭނުންވެފައި ތިބި 16 ކުއްޖަކު ފެނުމާ ގުޅިގެން، އެ ކުދިންނަށް އިހުމާލުވި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އޯހައިއޯގެ ހެމްޑަން ކިޔާ ކުޑަ އަވަށެއްގައި ފުލުހުންނާއި ތަހުގީގީ އިދާރާތަކުން ހިންގި އޮޕަރޭޝަނެއްގައި މި ކުދިން ފެނިފައިވަނީ އިންސާނުން ދިރިއުޅެން ކުފޫހަމަނުވާ ފަދަ ނުރައްކާތެރި އަދި މުޑުދާރު ހާލަތެއްގައި ތިއްބައެވެ. އޯހައިއޯގެ އެޓާނީ ޖެނެރަލް އެންޑީ ވިލްސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އޭނާގެ މުޅި ކެރިއަރުގައިވެސް ފެނުނު އެންމެ ބިރުވެރި އަދި ހިތާމަވެރި މަންޒަރު ކަމަށާއި، އެތަނުން ފެނުނު ކަންތައްތަކަކީ "ސާފު ޖަރީމާއެއް" ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގޭރީ ސައިޑާސް ޖޫނިއާ، ގޭރީ ސައިޑާސް ސީނިއާ، ކްރިސްޓީނާ ސައިޑާސް އަދި އެލިޒަބަތު ސައިޑާސް އެވެ. ވިންޓަން ކައުންޓީގެ ޕްރޮސިކިއުޓަރު ވިލިއަމް އާޗާ ވިދާޅުވި ގޮތުގައި، މި މީހުންގެ މައްޗަށް އުފުލަނީ ކުޑަކުދިންނަށް ބޮޑެތި ޖިސްމާނީ އަނިޔާ ލިބޭ ފަދަ އިހުމާލުވުމުގެ ދެވަނަ ދަރަޖައިގެ ޖިނާއީ ދައުވާއެވެ.
ފެނުނު ކުދިންގެ އުމުރަކީ 18 މަހާއި 18 އަހަރާ ދެމެދެވެ. މީގެ ތެރެއިން ބައެއް ކުދިންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، ދެ ކުއްޖަކަށް ލިބިފައިވާ އަނިޔާތަކަށް އަވަސް ފަރުވާ ދިނުމަށް ވައިގެ މަގުން ޓްރޯމާ ސެންޓަރުތަކަށް ގެންދަން ޖެހުނު ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ މައްސަލައެއް ނޫނެވެ. އަދި ހައްޔަރުކުރި މީހުންނަކީ އެ އަވަށުގެ ބައެއް ނޫން ކަމަށާއި، އެމީހުން އެ ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ ބައެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ހައްޔަރުކުރި ހަތަރު މީހުން ބުދަ ދުވަހުގެ ހެނދުނު ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޓާނީ ޖެނެރަލް ވިލްސަން ވިދާޅުވީ މި ކުދިންނަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ހަތަރު މީހުންނަކީ ފެނުނު ކުދިންގެ މައިންބަފައިންނާއި ކާފަ އަދި މާމަ ކަމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ކުދިންގެ ބައްޕަ ގޭރީ ސައިޑާސް ޖޫނިއާ (36 އަހަރު)، މަންމަ އެލިޒަބަތު ސައިޑާސް (33 އަހަރު)، ކާފަ ގޭރީ ސައިޑާސް (73 އަހަރު) އަދި މާމަ ކްރިސްޓީނާ ސައިޑާސް (67 އަހަރު) އެވެ. ކޯޓަށް ހާޒިރުކުރުމުން މި ހަތަރު މީހުންވެސް ވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ ދައުވާއަށް އިންކާރުކޮށްފައެވެ. ކޯޓުން ވަނީ ކޮންމެ މީހަކު ބަންދުން ދޫކުރުމަށް 300,000 އެމެރިކާ ޑޮލަރުގެ ކަފާލާތެއް ކަނޑައަޅާފައެވެ.
ކުދިންގެ މަންމަ، އެލިޒަބަތު ސައިޑާސްގެ ވަކީލު ތޯމަސް ސްޓޮލީ "ދި އެސޯސިއޭޓެޑް ޕްރެސް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެލިޒަބަތު އޭނާގެ ފިރިމީހާ ގޭރީ ސައިޑާސް ޖޫނިއާއާ ކައިވެނީގެ ގޮތުން ގުޅުނީ އުމުރުން އެންމެ 15 އަހަރުގައި ކަމަށާއި، ފެނުނު ހުރިހާ ކުދިންނަކީވެސް އެ ދެމަފިރިންގެ ދަރިން ކަމަށެވެ.
ވަކީލު އިތުރަށް ބުނި ގޮތުގައި، ބުރާސްފަތި ދުވަހު ޖަލުގައި އެލިޒަބަތުއާ ބައްދަލުވިއިރު އޭނާ އިނީ ވަރަށް ބޮޑަށް ރޮއެ، ވަރުބަލިވެފައެވެ. "އަހަރެން ޖަލަށް ވަދެ ތައާރަފުވުމާއެކު، އޭނާ އެންމެ ފުރަތަމަވެސް ކުރި ސުވާލަކީ ކުދިންގެ ހާލާ ބެހޭގޮތުން. ކުދިންގެ ހާލު ރަނގަޅުތޯއާއި، އެ ކުދިން ތިބީ ކޮންތާކުތޯ އަދި ކުދިންނާ ބައްދަލުވާނީ ކޮން އިރަކުންތޯ އޭނާ ސުވާލުކުރި،" ވަކީލު ސްޓޮލީ ބުންޏެވެ.
ވަކީލު ބުނި ގޮތުގައި އެ ސުވާލުތަކަށް އޭނާއަށް ޖަވާބެއް ނުދެވުނު ނަމަވެސް، އެލިޒަބަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އޭނާ ޖަލުން ސަލާމަތްވުމުގެ ބަދަލުގައި، ކުދިންގެ ރައްކާތެރިކަން ކަމަށް ފާހަގަކުރެވުނު ކަމަށެވެ. އޮފިޝަލުން ކުރިން ބުނެފައިވާ ގޮތުގައި މި ކުދިން ފެނުނުއިރު ތިބީ އިންތިހާއަށް ދަށު ދަރަޖައިގެ ހާލަތެއްގައެވެ.
ތަހުގީގީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި އާއިލާ ފާއިތުވި 20 އަހަރު ދުވަހު އޯހައިއޯގެ އެކި ސަރަހައްދުތަކަށް ބަދަލުވަމުން ގޮސްފައިވަނީ ސިއްހީ ނުވަތަ ސަރުކާރުގެ އެއްވެސް ރެކޯޑެއްގައި ނުޖެހި، ފިލައިގެން އުޅުމުގެ ނިޔަތުގައެވެ. އެ ސަރަހައްދުގެ ހަމައެކަނި ސުކޫލް ޑިސްޓްރިކްޓުން ބުނެފައިވާ ގޮތުގައި، އެ ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ދުވަހަކުވެސް ސުކޫލަކަށް ވަދެފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ.
އެޓާނީ ޖެނެރަލް އެންޑީ ވިލްސަން ވިދާޅުވި ގޮތުގައި، މި މީހުން ތިބީ އެ ކުދިން ދުނިޔެއަށް ސިއްރުކުރުމުގައި ވަރަށް ބޮޑަށް ކާމިޔާބު ހޯދާފައެވެ. ކުދިން ސުކޫލަށް ނުފޮނުވުމާއި، ގަވާއިދުން ޑޮކްޓަރަށް ނުދެއްކުމުގެ ސަބަބުން، މި ހިތާމަވެރި ހާލަތު ބޭރަށް އެނގޭނެ އެއްވެސް މަގެއް ނެތި ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އޯހައިއޯ ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޖެކްލިން ޔާން ފާހަގަކުރެއްވި ގޮތުގައި، ކުދިން މުޖުތަމައާ ވަކިކޮށްފައި ބޭތިއްބުމުން، އެ ކުދިންގެ ހާލަތު ދެނެގަންނާނެ ތަމްރީނު ލިބިފައިވާ މީހަކަށް އެ ކުދިން ފެނުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.
ތަހުގީގުން ހާމަވި އެންމެ ބިރުވެރި އެއް މައުލޫމާތަކީ، 16 ކުދިން ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވަނީ އެންމެ 144 އަކަފޫޓުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ކަމެވެ. އެ ތަނުގެ ހާލަތު ސިފަކުރަމުން އިދާރާތަކުން ބުނެފައިވަނީ، މުޅި ތަނުގައި ނަޖިސް ހުރި ކަމަށެވެ.
"އެ ކުދިން ފެންނަނީ ހަމަ ސީދާ ޖަންގަލީގައި އުޅޭ ޖަނަވާރުތަކެއް ފަދައިން. އެއީ ބަޔާންކުރަންވެސް ދަތި ބިރުވެރި މަންޒަރެއް،" ވިލްސަން ވިދާޅުވިއެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މީގެ ކުރިން ދުވަހަކުވެސް މި އާއިލާގެ މައްސަލައެއް ކުޑަކުދިންގެ ހިމާޔަތަށް މަސައްކަތްކުރާ އިދާރާއަކަށް ރިޕޯޓުކޮށްފައިވޭތޯ ބަލައި އިތުރަށް ތަހުގީގު ކުރަމުންނެވެ.