ކުޅިވަރު

ސްވިޒަލޭންޑް ބަލިކޮށް، އާޖެންޓީނާ ވޯލްޑް ކަޕް ތަށި ދިފާއުކުރުމާ ކައިރިއަށް ޖެހިލައިފި

ސްވިޒަލޭންޑް ބަލިކޮށް، އާޖެންޓީނާ ވޯލްޑް ކަޕް ތަށި ދިފާއުކުރުމާ ކައިރިއަށް ޖެހިލައިފި

ގޯލު ކާމިޔާބުކުރުމަށްފަހު ހޫލިއަން އަލްވަރޭޒް އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ޖުލައި 2026، 10:33

12 ޖުލައި 2026، 10:33

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު ކުޅުނު ފޯރިގަދަ މެޗުން ސްވިޒަލޭންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކެންސަސް ސިޓީގައި ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރޭގައި ޖޫލިއަން އަލްވަރޭޒް އާއި ލައުޓާރޯ މާޓިނޭޒް ކާމިޔާބުކޮށްފިން ލަނޑުތަކުންނެވެ. 

މި މެޗުގައި ފުރަތަމަ ލީޑު ނެގީ އާޖެންޓީނާއެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ކުރިހޯދައިދިނީ ކެޕްޓަން ލިއޮނަލް މެސީ ނެގި ކޯނަރަކުން އެލެކްސިސް މެކް އެލިސްޓާއެވެ.

މި ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕް ތާރީޚުގައި 10 އެސިސްޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ. ނަމަވެސް ސްވިޒަލޭންޑުން ވަނީ ކެތްތެރިކަމާއެކު މަސައްކަތްކޮށް، މެޗުގެ 67 ވަނަ މިނެޓުގައި ޑޭން އެންޑޯއީގެ ލަނޑުން ނަތީޖާ އެއްވަރުކޮށްފައެވެ. އެންޑޯއީއަކީ އިނގިރޭސި ޓީމު ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ސްވިޒަލޭންޑްގެ ތަރި ބްރީލް އެމްބޯލޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެމްބޯލޯ "ޑައިވް" ކުރި ކަމަށެވެ. މިއާއެކު އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ސްވިޒަލޭންޑްގެ ޓީމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ސްވިޒަލޭންޑްގެ ގޯލު ފުރަތަމަ ފޫއަޅުވާލީ އިތުރު ވަގުތުގެ ތެރޭގައި އަލްވަރޭޒްއެވެ. އެއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން ކާމިޔާބުކުރި ރީތި ގޯލެކެވެ. އާޖެންޓީނާގެ ތިންވަނަ ގޯލަކީ ކައުންޓަރ އެޓޭކެއްގައި މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗާއެކު އާޖެންޓީނާއިން ވަނީ ތާރީޚީ އާ ރެކޯޑެއްވެސް ގާއިމްކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން 11 މެޗުގައި މަދުވެގެން ދެ ލަނޑު ޖެހުމުގެ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 1930 އާއި 1954 އާ ދެމެދު އުރުގުއޭ އަތުގައެވެ.

މި މޮޅާއެކު ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް ޓީމާއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450