ޚަބަރު
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި
ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް
މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި އިދާރާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި ތަނެކެވެ. މި އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ.
މި އޮފީސް އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ، މާލެ ސަރަހައްދުގައި އުޅަނދުފަހަރު އިތުރުވެ، މަގުތަކުގެ ތޮއްޖެހުން ބޮޑުވެފައިވާތީ، އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ. މިގޮތުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތައް އެކުލަވައިލުމާއި، ޒަމާނީ ޕާކިންގ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް މި އޮފީހުން އިސްވެ ތަންފީޒު ކުރާނެއެވެ.
އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުން.
- އުޅަނދުތައް އިތުރުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކުލަވައިލުމުގައި ލަފާދިނުން.
- ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކިންގް ހައްލުތައް ހޯދައި ތަރައްޤީކުރުން.
- "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ހިންގުމަށް ހަމަޖެހިފައިވަނީ ހާއްސަ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ. މިއީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޓްރެފިކްގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ފޮނުވާ ސިޓީތަކުގައި ބޭނުންކުރާނެ ރިފަރެންސް ނަންބަރަކީ 1142 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.