ޚަބަރު
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: ފޮޓޯ ރައީސް އޮފީސް
2025 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން މުޅި ދުނިޔެއިންނާއި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރޭ 20:30 ގައި ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (CHSE) ގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެ މަރުކަޒުގެ ކެޑޭޓުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. އަދި އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ޚާއްޞަ އައިޓަމެއް ހުށަހަޅައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި 2025 ވަނަ އަހަރުގެ އިމްތިޙާނުތަކުން އެކި މާއްދާތަކުން މުޅި ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، ދުނިޔޭގެ ފެންވަރުގައި "ޓޮޕް އިން ދަ ވޯލްޑް" އަދި "ހައި އެޗީވަރސް" އެވޯޑް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރެވުނެވެ. މީގެ ތެރޭގައި ކެމްބްރިޖް އަދި ޕިއަރސަން އައުޓްސްޓޭންޑިންގ ލަރނަރ އެވޯޑްސް ހާސިލުކުރި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި، ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުގެ މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނާއި، މުޅި ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ. މި ޖަލްސާގައި ދަރިވަރުންގެ ބެލެނިވެރިންނާއި، ދައުލަތުގެ ވަޒީރުންނާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.