ކުޅިވަރު

ޕެރޫގައި އަލަށް އުފަންވި އެތައް ސަތޭކަ ކުދިންނަކަށް ހާލަންޑުގެ ނަމުން ނަންދީފި

ޕެރޫގައި އަލަށް އުފަންވި އެތައް ސަތޭކަ ކުދިންނަކަށް ހާލަންޑުގެ ނަމުން ނަންދީފި

އާރލިން ހާލަންޑު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ޖުލައި 2026، 09:10

13 ޖުލައި 2026، 09:10

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނޯވޭގެ ތަރި އާލިން ހާލަންޑް ދެއްކި މޮޅު ކުޅުމާއެކު، ޕެރޫގެ ގިނަ އަދަދެއްގެ މީހުން އެ މީހުންގެ ދަރިންނަށް އޭނާގެ ނަމުން ނަންދޭން ފަށައިފިއެވެ.

ޕެރޫގެ ނޭޝަނަލް އައިޑެންޓިޓީ ރެޖިސްޓްރީން ހާމަކުރި ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރުދުވަހާ ހަމައަށް އެ ގައުމުގައި އުފަންވި 468 ކުއްޖަކަށް ހާލަންޑުގެ އާއިލީ ނަން ދީފައިވެއެވެ. އަދި މީގެ އިތުރުން 91 ކުއްޖަކަށް އޭނާގެ ފުރިހަމަ ނަން ކަމުގައިވާ، "އާލިން ހާލަންޑް" ކިޔާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި 25 އަހަރުގެ ހާލަންޑް ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވޯލްޑް ކަޕްގައި ކުޅުނު 5 މެޗުގައި އޭނާ ވަނީ 7 ލަނޑު ޖަހާފައެވެ. ވަކިން ހާއްސަކޮށް، ބްރެޒިލް އަތުން ނޯވޭ މޮޅުވި ތާރީޚީ މެޗުގައި ހާލަންޑް ޖެހި ދެ ލަނޑާއެކު، ނޯވޭ ވަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމު ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުގައި އިންގްލެންޑުގެ އަތުންނެވެ.

ޕެރޫގެ ނޭޝަނަލް އައިޑެންޓިޓީ ރެޖިސްޓްރީގެ ތަރުޖަމާނު އިވާން ޓޮރޭޒް "ޕެނަމެރިކާނާ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ، ދުނިޔޭގެ ފުޓްބޯޅަ ތަރިންގެ ނަމުން ކުދިންނަށް ނަން ދިނުމަކީ ޕެރޫގައި ވަރަށް އާންމު ކަމެއް ކަމަށެވެ. އަދި ވޯލްޑް ކަޕް ފެށުނު ފަހުން ހާލަންޑުގެ ނަމުން ނަންދޭ މިންވަރު އިތުރުވެފައިވާކަމަށާއި، ވަކިން ހާއްސަކޮށް ނޯވޭ ކުއާޓާ ފައިނަލަށް ދަތުރުކުރުމާއެކު އެ އަދަދު ވަރަށް ބޮޑަށް މަތިވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

މީގެ ކުރިން ވެސް ޕެރޫގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ނަމުން ކުދިންނަށް ނަންދީފައިވެއެވެ. އެގޮތުން އާޖެންޓީނާގެ ލިއޮނަލް މެސީގެ ނަމުން 3،402 ކުދިންނަށް ނަންދީފައިވާއިރު، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމުން 1،185 ކުދިންނަށް ވަނީ ނަންދީފައެވެ. އަދި ސްޕެއިންގެ ލަމީން ޔަމާލްގެ ނަމުން 1،241 ކުދިންނަށް ނަންދީފައިވާއިރު، އެންމެ ގިނަ ކުދިންނަށް ނަންދީފައިވަނީ ބްރެޒިލްގެ ތަރި ނޭމާގެ ނަމުންނެވެ. އެއީ 33،809 ކުދިންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450