ޚަބަރު
އަމީރު އަވަހާރަވުމާ ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވައިފި
ޤައުމީ ދިދަ / ފޮޓޯ: އިންޓަނެޓް
ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް ޓަކައި، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ރާއްޖެ އާއި ޤަޠަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ޤަޠަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިދަ ބައިދަނޑިއަށް ތިރިކުރެވިގެންދާނީ، މިއަދު މެންދުރު 12:00 އިން މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރަސްމީ ޢިއްޒަތުގައި ޤަތަރުގެ އަމީރު އިއްޔެ ފަސްދާނުލާފައިވާއިރު، އެ މަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަޠަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސް ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެގައުމަށް ފުރާވަޑައިގަންނަވާފައެވެ.