ޚަބަރު
ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެޤައުމަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ޒިޔާރަތް ކުރުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤަޠަރުގެ ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާއަށާއި ޤަޠަރުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ދެންނެވުމަށްޓަކައި އެ ޤައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ޤަޠަރުގެ މިހާރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީ އަށާއި، ޝާހީ އާއިލާއަށް އަދި ޤަޠަރުގެ ރައްޔިތުންނަށް، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ރައްޔިތުންގެ ފަރާތުން އިޙްތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގަތުމުން އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޤަޠަރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް، ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ ބިން މުޙައްމަދު އަލްޘާނީއެވެ.
ދިވެހިރާއްޖެއާއި ޤަޠަރަކީ ދީނީ އަދި ސަގާފީ ގޮތުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ އެޤައުމަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ޤަޠަރުގެ ކުރީގެ އަމީރު އައްޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީއަކީ އެޤައުމުގެ ތަރައްޤީއަށާއި، އިސްލާމީ އުންމަތުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމަކީ ޤަޠަރަށާއި މުޅި އިސްލާމީ އުންމަތަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ދެރައެކެވެ.