ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ގަތަރުގެ އަމީރާ ބައްދަލު ކުރައްވައިފި
ރައީސްުލްޖުމުހޫރިއްޔާ އަދި ގަތަރުގެ އަމީރު ބައްދަލު ކުރެއްވުން - ފޮޓޯ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީއާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެގެ މެންދުރުފަހު ގަތަރުގެ ލުސައިލް ޕެލެސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ގަތަރުގެ އަމީރަށާއި އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ވެރިން ވަނީ ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅުން ވަރުގަދަކުރުމަށް ދެބޭފުޅުން މަޝްވަރާކުރައްވައި، އެކަމަށް އެއްބަސްވެވަޑައިގެންފައިވެއެވެ.
ލުސައިލް ޕެލެސްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ގަތަރުގެ ޑެޕިއުޓީ އަމީރު ޝައިޚް ޢަބްދުﷲ ބިން ޙަމަދު އައްޘާނީއާއި، އަމީރުގެ ޚާއްޞަ މަންދޫބު ޝައިޚް ޖާސިމް ބިން ޙަމަދު އައްޘާނީގެ އިތުރުން ގަތަރުގެ ޝާހީ ޢާއިލާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ އާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.