ކުޅިވަރު
ނިއު ރޭޑިއަންޓު 19 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލަށް
ނިއު ރޭޑިއަންޓުގެ ކުޅުންތެރިއަކު ބޯޅަ ހޯދަން މަސައްކަތް ކުރަނީ / ފޮޓޯ: އެފްއޭއެމް
އެފް.އޭ.އެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހުބުރުގައި، ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މޮޅާއެކު ނިއު ރޭޑިއަންޓަށް ވަނީ ޖުމްލަ 11 ޕޮއިންޓް ލިބިފައެވެ. މިއީ ތާވަލުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުމަށް އެ ޓީމަށް ފުދޭ މިންވަރެކެވެ. ލީގު ބުރު ނިއުއިން ނިންމާލީ ފައިދާ 12 ގޯލާއެކުގައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ނިއު ރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އީޒާން ޢަލީއެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި 5 ވަނަ ލަނޑެވެ.
މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ބުރު ސްޕޯޓްސްއިން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ ފަހުކޮޅު ނިއުއިން ވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. 81 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޒާކީ މުޖުތަބާ ޒާހިރެވެ. މިއީ ޖެހިޖެހިގެން ހަތަރު މެޗުގައި އޭނާ ލަނޑު ޖެހި ފަހަރެވެ. އަދި މިއީ މުބާރާތުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.
ނިއު ރޭޑިއަންޓުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ނަމަވެސް، ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މިއަދު އޯޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗަށް ފަހުގައެވެ.
މި ދެ ޓީމަށްވެސް މިހާތަނަށް 10 ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން ކުރީގައި އޮތީ މާޒިޔާއެވެ. މާޒިޔާގެ ފައިދާ ގޯލުގެ އަދަދަކީ +21 އެވެ. އޯޑި ސްޕޯޓްސްގެ ފައިދާ ގޯލުގެ އަދަދަކީ +11 އެވެ.
އެހެންކަމުން، މިއަދުގެ މެޗު އެއްވަރުކޮށްލައިގެންވެސް މާޒިޔާއަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ނަމަވެސް އޯޑި ސްޕޯޓްސްއަށް ފައިނަލަށް ދެވެން އޮތީ މިއަދުގެ މެޗުން މާޒިޔާ ބަލިކޮށްގެންނެވެ.