ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ބީއެމްއެލްގެ އިތުރު 7 ބްރާންޗެއްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި
ބީއެމްއެލްއިން ފެށި އިތުރު 7 ބްރާންޗެއްގެ ޚިދުމަތް ރައީސް ރަސްމީކޮށް ހުޅުވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗެއްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
އަލަށް ހުޅުވުނު ބްރާންޗުތައް ހުރި ރަށްތައް
ބޭންކް އޮފް މޯލްޑިވްސްއިން އަލަށް ޚިދުމަތް ދޭން ފެށި ހަތް ބްރާންޗު ގާއިމުކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ. މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ދަނީ ހިންގަމުންނެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް ބީއެމްއެލްއިން ވަނީ 17 ބްރާންޗެއް އަލަށް ހުޅުވާފައެވެ. މިއީ ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކުގެ ނަތީޖާއެއް ކަމަށް އެ ބޭންކުން ބުނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ މާލީ ކުރިއެރުން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ.
ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ އަޅުގަނޑުމެންގެ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދޭ. އަދި މީގެ ސަބަބުން ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ.
ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ.