ދުނިޔެ

ޓްރަމްޕްގެ ސޫރަ ހިމެނޭ 1 ޑޮލަރުގެ ފައިސާ ފޮތި ތައާރަފްކުރަނީީ

ޓްރަމްޕްގެ ސޫރަ ހިމެނޭ 1 ޑޮލަރުގެ ފައިސާ ފޮތި ތައާރަފްކުރަނީީ

ޓްރަމޕްގެ ސޫރަ ޖެހި ފައިސާ ފޮތި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ޖުލައި 2026، 10:55

16 ޖުލައި 2026، 10:55

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޫރަ ހިމެނޭ 1 ޑޮލަރުގެ ފައިސާ ފޮތި ތައްޔާރުކުރަން ފަށާފައިވާކަން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިއުލާން ކުރައްވައިފިއެވެ.

ބުދަ ދުވަހު ބެސެންޓް ހާމަކުރެއްވި ގޮތުގައި، މި ފައިސާ ފޮތީގެ ކުރިމަތީގައި ޓްރަމްޕްގެ މޫނުގެ އިތުރުން "ލިބަޓީ"، "އިން ގޯޑް ވީ ޓްރަސްޓް" އަދި "1776-2026" މި އިބާރާތްތައް ހިމެނޭނެއެވެ. އަދި ފޮތީގެ ފަހަތުގައި އިންނާނީ ރިޔާސީ ސީލްގައި ހިމެނޭ "ބޯލްޑް އީގަލް" ނުވަތަ ބޮޑު ބާޒުގެ މަންޒަރެކެވެ.

މި ޑިޒައިނަކީ މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ކުރެހުމަށް ބަދަލުތަކެއް ގެނެސްގެން ތައްޔާރުކޮށްފައިވާ ޑިޒައިނެކެވެ. ކުރީގެ ޑިޒައިންގައި ހިމަނާފައިވަނީ ޓްރަމްޕަށް ދެވުނު ހަމަލާއާ ގުޅުވައި، އޭނާގެ އަތް މައްޗަށް ނަންގަވައިގެން ހުންނަވާ މަންޒަރާއި "ފައިޓް، ފައިޓް، ފައިޓް" މި ލަފުޒުތަކެވެ. ނަމަވެސް އާ ޑިޒައިނުން އެ މަންޒަރު ވަނީ އުނިކޮށްފައެވެ.

މިކަމާ ގުޅިގެން ފޮކްސް ބިޒްނަސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދިރިހުރި މީހެއްގެ ސޫރަ ފައިސާގައި ހިމެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ފައިސާ ފޮތީގެ ގާނޫނީ ސައްހަކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެމެރިކާގެ 1866 ވަނަ އަހަރުގެ ގާނޫނެއް ބުނާގޮތުން، ދިރިހުރި އެއްވެސް މީހެއްގެ ސޫރަ އެ ގައުމުގެ ފައިސާގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އެކަމަކު ޓްރެޜަރީން ބުނާ ގޮތުގައި އެ ގާނޫނު ހާއްސަވަނީ ކަރުދާސް ފައިސާއަށެވެ. ފައިސާ ފޮތި ޖެހުމުގެ މަސައްކަތަކީ "ޔޫއެސް މިންޓް" އިން ކުރާ ކަމެކެވެ.

ކޮންގްރެސްއިން 2020 ވަނަ އަހަރު ފާސްކުރި ގާނޫނެއްގައި، ގައުމުގެ 250 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 1 ޑޮލަރުގެ ފައިސާ ފޮތި ނެރުމުގެ ހުއްދަ ޓްރެޜަރީ ސެކްރެޓަރީއަށް ދީފައިވީ ނަމަވެސް، އެ ގާނޫނުގައިވެސް ދިރިހުރި މީހެއްގެ ސޫރަ ބޭނުންކުރުން މަނާކޮށްފައިވެއެވެ.

މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ބެސެންޓް ވިދާޅުވީ، އެމެރިކާގެ 150 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އޭރުގެ ރައީސް ކެލްވިން ކޫލިޖްގެ ސޫރަވެސް ފައިސާ ފޮއްޗެއްގައި ހިމެނި ކަމަށެވެ. އެހެންކަމުން، ދިރިހުރި މީހެއްގެ މަންޒަރު ފައިސާ ފޮތީގައި ހިމެނުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ފައިސާ ފޮތިތައް މިހާރު ފިލަޑެލްފިއާގައި ދަނީ އުފައްދަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450