ޚަބަރު
އައްޑޫ ހަންކެޑެ ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 12/2026 ޤަރާރުންނެވެ. މި ޤަރާރު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އުފެއްދެވުމުގެ އެންމެ މައިގަނޑު ބޭނުމަކީ، އައްޑޫ އަތޮޅު ހަންކެޑެއަކީ "އިންޓެގްރޭޓެޑް ޓޫރިޒަމް" ފަތުރުވެރިކަމުގެ މޮޑެލަކަށް ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ޒަރީޢާއިން އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް، އެ ދާއިރާއިން ލިބޭ މަންފާ މުޅި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދިނުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، މި ކުންފުނީގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި:
- ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން.
- ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުން.
- އައްޑޫގެ އިޤްތިޞާދު ވަރުގަދަކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ.
މި ކުންފުނި އުފެއްދެވުމަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.