ޚަބަރު
ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި
ރައީސުލްޖުމުހޫރިއްޔާ ގިރިއްފުއްޓަށް ކުރެއްވި ޒިރާރަތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލެއްވީ، ސިފައިންގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.
President Dr @MMuizzu visits the K. Girifushi land reclamation site to observe progress. The project, part of his vision to modernise the military and expand training infrastructure, encompasses land reclamation, coastal protection and harbour upgrading works. pic.twitter.com/Q75QxjsJDJ
— The President's Office (@presidencymv) July 16, 2026
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރަށް 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ބިން ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން އައްސޭރިފަށުގެ ހިމާޔަތަށްޓަކައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށްޓަކައި އެލް-ބްލޮކް ކީ-ވޯލް ޖެހުމާއި، ދަތުރުފަތުރުގެ ފަސޭހައަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300 މީޓަރުގެ ޒަމާނީ ސްމޯލް އާމްސް ރޭންޖެއް މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭނެއެވެ.
ޤައުމީ ދިފާޢީ ބާރުން ހާމަކުރެއްވި ގޮތުގައި، ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާގައި ގިރިފުށީގައި ހުރިހާ ވަސީލަތްތަކަކާއެކު ޒަމާނީ ތަމްރީން މަރުކަޒެއް ބިނާކުރެވޭނެއެވެ. މި މަރުކަޒަކީ ރައީސް މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒަށް ވެގެންދާނެއެވެ.
ސިފައިންގެ އޮފިސަރ ޓްރެއިނިންގ ވިންގާއި އެންސީއޯ އެކެޑަމީގެ ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންގެ އެކޮމޮޑޭޝަން އަދި ސަޕޯޓް ނިޒާމްތައް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުވެގެންދާނެއެވެ. މިއީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގެންގުޅުއްވާ އިސްތިރާޖީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.