ކުޅިވަރު
ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް ފީފާގެ ހާއްސަ އަނގޮޓިއެއް ދޭން ނިންމައިފި
ފީފާއިން ތައާރަފްކުރާ އަނގޮޓި---
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަށް، ދުނިޔޭގެ އެންމެ ޝަރަފުވެރި ތަށީގެ އިތުރުން ހާއްސަ "ޗެމްޕިއަންޝިޕް ރިންގް" ނުވަތަ އަނގޮޓިއެއް ދޭން ފީފާއިން ނިންމައިފިއެވެ. މިއީ ފީފާގެ ތާރީޚުގައިވެސް މިފަދަ އަނގޮޓިއެއް މުބާރާތުގެ ޗެމްޕިއަނުންނަށް ދޭ ފުރަތަމަ ފަހަރެވެ.
މި ތާރީޚީ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހު، އެމެރިކާގެ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ. ޗެމްޕިއަނުންނަށް އަނގޮޓީ ދިނުމަކީ އެމެރިކާގެ ކުޅިވަރު ސަގާފަތުގައި ހިމެނޭ އާދައެކެވެ. އަދި މި ފަހަރު އެމެރިކާ ހިމެނޭހެން ތިން ގައުމެއްގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުޅޭއިރު، އެ ސަގާފަތް މިވަނީ ވޯލްޑް ކަޕަށް ވެސް ތައާރަފުކޮށްފައެވެ.
މި އަނގޮޓިތައް ތައްޔާރުކުރަނީ މުބާރާތް ބާއްވާ އަހަރާ ގުޅުވައިގެން، ޖުމްލަ 2,026 އަނގޮޓިއެވެ. މީގެ ތެރެއިން 30 އަނގޮޓި ދިނުމަށް ހަމަޖެހިފައިވަނީ މުބާރާތް ކާމިޔާބުކުރާ ޓީމަށެވެ. ބާކީ 1,996 އަނގޮޓި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ގަނެވޭނެ ގޮތަށް އޮފިޝަލް ލައިސަންސްޑް އުފެއްދުމެއްގެ ގޮތުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އަނގޮޓީގެ ފަރުމާއަށް ބަލާއިރު، އެއްފަރާތުގައި ވޯލްޑް ކަޕް ތަށީގެ ކުރެހުން ހުންނައިރު، އަނެއް ފަރާތް ފަރުމާކުރާނީ މުބާރާތް ކާމިޔާބުކުރާ ޓީމެއްގެ އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށެވެ. ކޮންމެ އަނގޮޓިއެއްގައިވެސް ވަކި ނަންބަރެއް ޖަހާފައި ހުންނައިރު، މީގެ އަސްލުކަން ކަށަވަރުކޮށްދޭ ސެޓްފިކެޓެއްވެސް ދޭނެއެވެ.
ފައިނަލް މެޗު ނިމުމާއެކު، މުބާރާތް ކާމިޔާބުކުރާ ޓީމުގެ ކެޕްޓަނަށާއި ހެޑް ކޯޗަށް ވަގުތީ އަނގޮޓިއެއް ހަވާލުކުރާނެއެވެ. އަދި ޗެމްޕިއަން ޓީމަށް ދޭ 30 އަނގޮޓި، އެ ކުޅުންތެރިންނަށް ހެޔޮވަރުވާނެހެން ފަރުމާކޮށް، ޚާއްސަ ރަސްމިއްޔާތެއްގައި ފަހުން ހަވާލުކުރާނެ ކަމަށް ފީފާއިން މައުލޫމާތުދެއެވެ.
މި ނިންމުމަކީ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ޝަރަފު އިތުރަށް ފާހަގަކޮށް، ކާމިޔާބީގެ ހަނދާންތައް ދާއިމަށް ރައްކާކުރުމަށް ފީފާއިން ނިންމި ނިންމުމެކެވެ.