Ads by Farudhun

ޚަބަރު

ލަސްވެގެން އަންނަ އަހަރު ކުރީކޮޅު މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ފެށޭނެ: ރައީސް

ލަސްވެގެން އަންނަ އަހަރު ކުރީކޮޅު މާލޭގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫޢު ފެށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

17 ޖުލައި 2026، 03:15

17 ޖުލައި 2026، 03:15

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރަށްފަހު، މާލޭގެ މަގުތައް ތަރައްޤީ ކުރުމަށް މިފަދަ ބޮޑު މަޝްރޫޢެއް ހިންގާފައެއް ނުވެއެވެ. އަދި ރައީސް މައުމޫންގެ ވެރިކަމަށްފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ފެންވަރުގައި ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މި ބިޔަ މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުތަކަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މަގުތައް ހަދާއިރު ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމު ޤާއިމުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާއެކު އެކުލަވާލެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މާލޭގެ ތަރުތީބު ގެއްލިފައިވާ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް، ރައްޔިތުންނަށް އަމާން އަދި ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450