ޚަބަރު
މާލޭ ބޮޑުތަކުރުފާނު މަގު ހެދުމުގެ މި ފިޔަވަހި ނިމުމާއެކީ ފަހު ފިޔަވަހީގެ މަސައްކަތް ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ
މާލޭގެ ބޮޑުތަކުރުފާނު މަގުން ނިމިފައިވާ ސަރަޙައްދެއް / ފޮޓޯ: އެމްޓީސީސީ
މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދާ ފިޔަވަހި ނިމުމާއެކު، އެ މަޝްރޫޢުގެ ފަހު ފިޔަވަހީގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި އެ ސަރަޙައްދު އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މި މަޝްރޫޢުގެ ތަފްޞީލު ދެއްވަމުން ރައީސް ވިދާޅުވީ، އަލަށް ހެދި ސަރަޙައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ފަދަ ޕާކިންގ ޒޯނެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގު މިގޮތަށް ތަރައްޤީވެގެން ދިއުމުން، އޭގެ ފައިދާ ކުރާނީ ހަމައެކަނި އެ މަގު ބޭނުންކުރާ ފަރާތްތަކަށް ނޫންކަން ފާހަގަކުރައްވައި، މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ފިޔަވަހި ނިމުމާއެކު، ބޮޑުތަކުރުފާނު މަގުގައި އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ ސަރަޙައްދު މަރާމާތުކުރުމުގެ ފަހު ފިޔަވަހީގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހުރިހައި ފިޔަވައްސެއް ފުރިހަމަކުރެވުމުން، މާލޭގެ ބާޒާރުމައްޗާއި، ވިޔަފާރި ސަރަޙައްދާއި، ޖުމުލަކޮށް ދުއްވާ ހުރިހާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
މާލޭ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ ސަބަބުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެދާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން އެއްވެސް ތަކުލީފެއް ނުލިބޭނެ ކަމަށެވެ. އަދި މަގުން ބޭރަށް ނެރޭ ބައި ތަރައްޤީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށްވުމުން، އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ ކުރިއަށްވުރެ އިތުރުވެގެންދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ ތޮއްޖެހުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގުހެދުމުގެ މަޝްރޫޢުތަކުން ވަގުތީ ލުޔެއް ލިބުނު ކަމުގައިވިޔަސް، ދާއިމީ ޙައްލެއް ލިބޭނީ މައްސަލައިގެ އަސްލަށް ޙައްލެއް ހޯދިގެން ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ޚިދުމަތްތަކާއި، ފުރުޞަތުތަކާއި، ބޯހިޔާވަހިކަން ލާމަރުކަޒުކޮށް، ސަރަޙައްދީ ތަރައްޤީ ގެނައުން ކަމަށާއި، މި ދުރު ރާސްތާ ޙައްލާއެކު މާލޭގެ ތޮއްޖެހުން އޭގެ ޒާތުގައި ޙައްލުވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މާލޭ ސަރަޙައްދުގައި ދިރިއުޅެމުންދާތީ، މި ހިނދުން މި ހިނދަށް ބޭނުންވާ ޒަރޫރީ ޙައްލުތައް ފޯރުކޮށްދިނުމުގެ ގޮތުން މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މާލޭގައި ބާރުސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.