ކުޅިވަރު
ކުޅުންތެރިން ޑައިވްކުރާ ހާލަތްތައް ދެނެގަތުމަށް ޔޫއެފާއިން ވީއޭއާރު ބޭނުމެއް ނުކުރާނެ
ސްވިޒަލޭންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި ވީއޭއާރު ބެލުމަށްފަހު ކާޑު ދައްކަނީ / ފޮޓޯ: ގެޓީ އިމޭޖަސް
އޮޅުވާލުމުގެ ގޮތުން ކުޅުންތެރިން ގަސްތުގައި ޑައިވްކުރާ ހާލަތްތަކުގައި، ކުޅުންތެރިޔާ އޮޅުނު ކަމަށް ބަލައި ވީއޭއާރު މެދުވެރިކޮށް ފިޔަވަޅު ނޭޅުމަށް ޔޫއެފާއިން ނިންމައިފިއެވެ. ޔޫއެފާއިން މި ނިންމުން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މިފަދަ ހާލަތްތަކުގައި ވީއޭއާރު ބޭނުންކުރަމުން ދަނިކޮށެވެ.
މި އަހަރުގެ ތެރޭގައި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވަނީ ވީއޭއާރު ޕްރޮޓޮކޯލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. މި ބަދަލުތަކާ ގުޅިގެން، ރެފްރީއަށް، ކުށްކުރި ކުޅުންތެރިޔާ އޮޅިގެން ރީނދޫ ނުވަތަ ރަތް ކާޑެއް ދެއްކިއްޖެ ނަމަ، ވީއޭއާރު މެދުވެރިކޮށް އެ ނިންމުން ބަދަލުކުރެވޭނެއެވެ. ނަމަވެސް ޔޫއެފާއިން ގަބޫލުކުރާ ގޮތުގައި "ކުޅުންތެރިޔާ އޮޅުންއެރުން" ނުވަތަ "މިސްޓޭކަން އައިޑެންޓިޓީ" އަކީ ހަމައެކަނި ފެންނަން އޮންނަ ހަގީގީ ކަމަކަށް ވާންޖެހޭނެއެވެ.
ވޯލްޑް ކަޕްގައި މި ގަވާއިދު ބޭނުންކޮށްފައިވާ ދެ ހާދިސާއަކަށް ޔޫއެފާއިން ވަނީ އިޝާރާތްކޮށްފައެވެ. އެއީ އެމެރިކާގެ ޓިމް ރީމަށް ދެއްކި ރީނދޫ ކާޑެއް، އޭނާ ކުރި ފައުލެއް ނޫން ކަމަށް ނިންމައި، ޕެރަގުއޭގެ މިގޭލް އަލްމިރޯން ޑައިވްކުރި ކަމަށް ބަލައި އޭނާއަށް ކާޑު ބަދަލުކުރުމެވެ. އަދި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލޭންޑުގެ ބްރީލް އެމްބޯލޯ ޑައިވްކުރި ކަމަށް ބަލައި، ވީއޭއާރުން އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކި ހާދިސާއެވެ.
ޔޫއެފާއިން ބުނާ ގޮތުގައި ފައުލެއްގެ ބަދަލުގައި އެއީ ޑައިވްއެއް ކަމަށް ނިންމުމަކީ ރެފްރީގެ އަމިއްލަ ނަޒަރިއްޔާއަށް ދޫކޮށްލަންޖެހޭ ނިންމުމެކެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ކުޅުންތެރިޔާ އޮޅުނީ ކަމަށް ބަލައި ވީއޭއާރުން ގޮތް ނިންމުމަކީ ޔޫއެފާއިން ތާއީދުކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، ޑައިވްކުރުމުގެ ސަބަބުން ނުބައިކޮށް ރަތް ކާޑެއް ދެވޭ ހާލަތްތަކުގައި ނުވަތަ ޕެނަލްޓީއެއް ދެވޭ ހާލަތްތަކުގައި އަދިވެސް ވީއޭއާރުގެ އެހީތެރިކަން ހޯދޭނެއެވެ.
މީގެ އިތުރުން، ކޯނަރުތައް ދިނުމުގައި އޮޅުން އަރާ ހާލަތްތަކުގައި ޔޫއެފާއިން ވީއޭއާރު ބޭނުންކުރަން ނިންމާފައިވީނަމަވެސް، ވޯލްޑް ކަޕާ ހިލާފަށް، ކޯނަރެއް ދޭއިރު އޮފްސައިޑް ހާލަތެއް އޮތްތޯ ޔޫއެފާއިން ވީއޭއާރު މެދުވެރިކޮށް ނުބަލާނެއެވެ. އަދި ދެބަސްވުންތަކުގެ ތެރޭގައި އަނގަމަތީގައި އަތްއަޅައިގެން ތިބޭ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމަށް ވޯލްޑް ކަޕްގައި ގެންގުޅުނު އުސޫލަށްވެސް ޔޫއެފާއިން ވަނީ ދެކޮޅު ހަދާފައެވެ.
މި ކަންކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށްޓަކައި ޔޫއެފާގެ މެންބަރު 54 ގައުމެއްގެ އިސް ރެފްރީން އަންނަ ހަފުތާގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.