ދުނިޔެ
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުރި ސޯނަމް ވަންގްޗުކް ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފި
ސޯނަމް ވަންގްޗުކް ހޮސްޕިޓަލަށް ގެންދަނީ ފޮޓޯ: އިންޑިއަން އެކްސްޕްރެސް
އިންޑިއާގެ ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި، ދިއްލީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދިޔަ މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް، ހަޅުތާލު ކުރަމުންދިޔަ ތަނުން ފުލުހުން ގަދަކަމުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ. އުމުރުން 59 އަހަރުގެ ވަންގްޗުކް މި ހަޅުތާލު ކުރަމުންދާތާ މިއަދަށް މިއީ 20 ވަނަ ދުވަހެވެ.
ތައުލީމީ ދާއިރާގެ އިސްލާހަށް މަސައްކަތްކުރާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އަށް ތާއީދުކޮށް ވަންގްޗުކް ކުރަމުންދިޔަ މި ހަޅުތާލުގައި އޭނާ ބޭނުންކުރަމުން ދިޔައީ ހަމައެކަނި ލޮނާއި ފެނެވެ. މިކަމުގެ ސަބަބުން އޭނާގެ ބަރުދަނުން 9 ކިލޯއަށް ވުރެ ބޮޑުބައެއް ލުއިވެ، ސިއްހީ ގޮތުން ބޮޑެތި ތަދުތަކެއް ތަހައްމަލު ކުރަމުންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދިއްލީގެ ޖަންތަރް މަންތަރްގައި ހޮނިހިރު ދުވަހުގެ ހެނދުނު 07:30 ހާއިރު ހިނގި މި ހާދިސާގައި، ގިނަ އަދަދެއްގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ވަންގްޗުކް އޮތް ސްޓޭޖަށް އަރައިގަނެފައެވެ. އެ ވަގުތު އެތަނުގައި ތިބި މީހުން ފުލުހުން ހުއްޓުވަން މަސައްކަތް ކުރުމުން ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. ފުލުހުން ވަނީ ވަންގްޗުކް ފޮތިގަނޑުތަކަކުން ނިވާކޮށްގެން ގެންގޮސް އެމްބިއުލަންސަކަށް އަރުވައިގެން ފޮނުވާލާފައެވެ.
ވަންގްޗުކްގެ އަންހެނުން ގީތަންޖަލީ އަންގްމޯ "އެކްސް" ގައި ބުނެފައިވަނީ އޭނާގެ ފިރިމީހާ އެޑްމިޓްކޮށްފައިވަނީ ސަފްދަރްޖަންގް ހޮސްޕިޓަލުގައި ކަމަށެވެ. އަދި އާއިލާގެ ހުއްދަނެތި އެއްވެސް ފަރުވާއެއް ނުދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ. ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. ޗާރޫ ބަމްބާ ވިދާޅުވީ، ވަންގްޗުކްގެ ހާލަތު ސްޓޭބަލް ކަމަށާއި، ނަމަވެސް ގިނަ ދުވަހު ނުކައި ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުދެރަވެފައިވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި ވަންގްޗުކް ހޮސްޕިޓަލަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ސިއްހީ ހާލަތަށް ބަލައި ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.
ވަންގްޗުކް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ސީ.ޖޭ.ޕީގެ ބާނީ އަބީޖީތު ދިޕްކޭ ވަނީ ވަންގްޗުކްގެ ބަދަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައެވެ. އޭނާ ބުނި ގޮތުގައި ވަންގްޗުކް ގެންދިޔަސް އެ މީހުންގެ ހަރަކާތްތަކެއް ނުހުއްޓޭނެއެވެ. އަދި ކުރިއަށް އޮތް ހޯމަ ދުވަހު އިންޑިއާގެ ޕާލަމެންޓަށް ހިނގާލުމެއް ބާއްވާނެ ކަމަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްތިއުފާ ދެއްވުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.
"ކޮކްރޯޗް ޖަންތާ ޕާޓީ" އަކީ އިންޑިއާގެ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ލީކުވުމާއި، ތައުލީމީ ދާއިރާގައި ހުރި އެހެނިހެން މައްސަލަތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފެށި ހަރަކާތެކެވެ. މި ހަރަކާތަށް މިހާރު ދަނީ އިންޑިއާގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުންގެ ތާއީދު ލިބެމުންނެވެ.