ދުނިޔެ
ފިއްތުންތަކުގެ ނަތީޖާ ގޯސްވާނީ ހަމައެކަނި އެމެރިކާ އަކަށްނޫން ، މުޅި ދުނިޔެއަށް: އައިޖީސީ
އިރާންގެ ސިފައިންގެ މީހެއް
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިމަތިކުރަމުންދާ އިގްތިސާދީ އަދި އަސްކަރީ ފިއްތުންތަކުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އޭގެ ނޭދެވޭ އަސަރު ވިލާތުގެ ގައުމުތަކަށްވެސް ކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިސް ކޮމާންޑަރުގެ ތަރުޖަމާނު ހާމިދު ރިޒާ މުގައްދަމްފަރު ވިދާޅުވީ، ކަނޑުމަގުންނާއި އިގްތިސާދީ ގޮތުން އެމެރިކާއިން އީރާނަށް ދެމުންދާ ޕްރެޝަރުތަކުގެ ނަތީޖާ ހަމައެކަނި އެމެރިކާއަކަށް ނުފެންނާނެ ކަމަށެވެ. މީގެ ސަބަބުން މުޅި ދުނިޔޭގެ ހަކަތައިގެ ސަލާމަތްތެރިކަމަށް ބުރޫއަރައި، ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދަށްވެސް އޭގެ ނުރައްކާ ފޯރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުގައްދަމްފަރު އިތުރަށް ވިދާޅުވީ، ސްޓްރެއިޓް އޮފް ހޯރްމޫޒް އާއި ބާބުލް މަންދަބް އަކީ ސަރަހައްދީ އަދި ދުނިޔޭގެ މަސްލަހަތުތަކާ ގުޅިފައިވާ ވަރަށް މުހިންމު ދެ ސަރަހައްދެއް ކަމަށެވެ. މި ދެ ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައާއި، ވިޔަފާރި އަދި ސަލާމަތީ މަސްލަހަތުތައް ހިފެހެއްޓުމުގައި އިސް ދައުރެއް އަދާކުރާ ސްޓްރެޓީޖިކް ދެ ސަރަހައްދުކަން އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައި މިވަނީ، މެދުއިރުމަތީގެ މަސްލަހަތު ގޯސްވެ، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ހަކަތައިގެ މުހިންމު މަގުތަކުގެ ކޮންޓްރޯލް އޮތް މި ސަރަހައްދުތަކަށް ދެވޭ ކޮންމެ ގެއްލުމަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެއްކަމަށް މުގައްދަމްފަރުގެ ވާހަކައިގައި އިޝާރާތް ކުރެއްވިއެވެ.