ދުނިޔެ

ހޯރްމުޒް ކަނޑުއޮޅި ނޫން ގޮތެއް ހޯދަން އައު ހޮޅިއެއް އެޅުމުގެ ދިރާސާ ފަށައިފި

ހޯރްމުޒް ކަނޑުއޮޅި ނޫން ގޮތެއް ހޯދަން އައު ހޮޅިއެއް އެޅުމުގެ ދިރާސާ ފަށައިފި

އިރާގް އަދި ސީރިއާގެ ތެޔޮ ހޮޅުއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 11:42

19 ޖުލައި 2026، 11:42

އިރާގުގެ ތެޔޮ ބޭރުކުރުމަށް މިހާރު ބޭނުންކުރާ ހޯރްމުޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން، ތުރުކީ އަދި ސީރިއާ މަގުން އާ ތެޔޮ ހޮޅިއެއް އެޅުމުގެ މަސައްކަތް އިރާގު ސަރުކާރުން ފަށައިފިއެވެ.

އިރާގުގެ ތެލާއި ބެހޭ މިނިސްޓަރު ބާސިމް މުޙައްމަދު ޚުޟައިރު ވޮޝިންގޓަންގައި ހުންނަވައިގެން އިރާގު ނިއުސް އެޖެންސީ (އައި.އެން.އޭ) އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިރާގުގެ ބަސްރާއިން ފެށިގެން ކިރްކޫކަށް، އަދި އެތަނުން ތުރުކީގެ ޖޭހާން ބަނދަރަށާއި ސީރިއާގެ ބަނިޔާސް ބަނދަރަށް ތެޔޮ ހޮޅި އެޅުމުގެ ފަންނީ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިރާގު ސަރުކާރުގެ އަމާޒަކީ ތެޔޮ ބޭރުކުރާނެ އިތުރު މަގުތައް ހޯދައި، ހަމައެކަނި ހޯރްމުޒް ކަނޑުއޮޅިއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. މިއީ އެ ގައުމުގެ އިގްތިސާދީ ރައްކާތެރިކަމަށްޓަކައި ގެންގުޅޭ ހަރުދަނާ ސިޔާސަތެއްގެ ދަށުން ކުރެވޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ކެވްރޯން އަދި ޓީ.އީ ކެޕިޓަލްގެ އިތުރުން ގަތަރުގެ ޔޫ.ސީ.ސީ ހިމެނޭ ކޮންސޯޓިއަމްއަކާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ބަސްރާއިން ކިރްކޫކަށް މައި ހޮޅި އެޅުމަށްފަހު، އެއް ގޮފި ތުރުކީގެ ޖޭހާން ބަނދަރަށް އަދި އަނެއް ގޮފި ސީރިއާގެ ބަނިޔާސް ބަނދަރާ ހަމައަށް ފޯރުކޮށްދޭނެއެވެ.

ސީރިއާގެ ބަނިޔާސް އަކީ މެދުތެރޭ ކަނޑުގެ އައްސޭރީގައި އޮންނަ، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ތެޔޮ ބޭރުކުރާ ޓާމިނަލްތައް ހުރި މުހިންމު ސިޓީއެކެވެ. މީގެ ކުރިން ވެސް ކިރްކޫކުން ބަނިޔާސްއަށް ތެޔޮ ހޮޅި ބޭނުންކުރި ނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ހިނގި ހަނގުރާމަތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ހޮޅި ވަނީ ބޭނުންނުކުރެވި ހަލާކުވެފައެވެ.

އޯޕެކްގެ ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުގެ ގޮތުގައި އޮތް އިރާގުން މި ފިޔަވަޅު އަޅަން ނިންމާފައިވަނީ، ސަރަހައްދީ ސިޔާސީ މަސްލަހަތު ހުރިގޮތުން ހޯރްމުޒް ކަނޑުއޮޅި ބަންދުވެއްޖެ ހާލަތެއްގައި ތެޔޮ ބޭރުކުރުމަށް ހުރަސް އެޅިދާނެތީ އެކަމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450