ދުނިޔެ

އީރާނުން އެއްބަސްވުމާ ޚިލާފުވުމުން "ކަހަރު ވަކެކޭ" ވެސް ހީނުވޭ : ޓްރަމްޕް

އީރާނުން އެއްބަސްވުމާ ޚިލާފުވުމުން "ކަހަރު ވަކެކޭ" ވެސް ހީނުވޭ : ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖުލައި 2026، 01:38

19 ޖުލައި 2026، 01:38

އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ (އެމް.އޯ.ޔޫ) އަށް އަމަލުކުރުން އީރާނުން ހުއްޓާލުމަށް ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކަމާ ކަންބޮޑުނުވާކަން ހާމަކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު 'ނިއުސް ނޭޝަން' އަށް ދެއްވި އިންޓަވިއުއެއްގައި، އީރާނުގެ މި ނިންމުމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، "އެއީ އަޅުގަނޑު ކުޑަކޮށްވެސް އަޅާލާ ކަމެއް ނޫން" ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން މިސައިލް ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އެކަކު ގެއްލި، އަދި ގިނަ ބަޔަކު ޒަޚަމްވެފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެ ސިފައިން ގުރުބާންވީ ގައުމުގެ ޚިދުމަތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ހަމަލާގައި އެމެރިކާގެ 'ބްލެކް ހޯކް' ހެލިކޮޕްޓަރުތަކަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވި އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި ހަމަލާތަކުން އެނގިގެންދަނީ އީރާނުގެ މިސައިލް ހަމަލާދިނުމުގެ ގާބިލްކަން އަދިވެސް ވަރުގަދަކަމެވެ. އަދި އެމެރިކާ އާއި އެކުވެރި ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގައި އީރާނުން ކުރިއަށްވުރެ ކާމިޔާބު ހޯދަމުންދާ ކަމަށްވެސް އޮފިޝަލުން ފާހަގަކުރެއެވެ.

މި މައްސަލައިގައި އީރާނުގެ ރަސްމީ ޓީވީން ވަނީ އެގައުމުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނާއީގެ ބަހެއް ނަކަލުކޮށްފައެވެ. ޚާމަނާއީ ވިދާޅުވީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ފަހުމުނާމާއަށް އަމަލުކުރުމަށް ދެން އީރާނުން ބޭނުންނުވާ ކަމަށާއި، ޓްރަމްޕްގެ ސޮޔަކީ އެއްވެސް އޮއްޓަރެއް ނެތް، ބާތިލް އެއްޗެއް ކަމަށެވެ.

އީރާނުގެ މަތީ ލީޑަރުގެ އަސްކަރީ މުޝީރު މުހްސިން ރޭޒާއީ ވިދާޅުވި ގޮތުގައި، ހަނގުރާމައާއި ޑިޕްލޮމަސީ އެއްވަރެއްގައި ހިފެހެއްޓުމަށް ގެންގުޅުނު ސިޔާސަތު މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އެމެރިކާގެ ހަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުއްޓާނުލައިފިނަމަ، އީރާނުން "ހަމަލާދިނުމާއި ސުންނާފަތިކޮށްލުމުގެ" އައު މަރުހަލާއަކަށް ބަދަލުވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450