ކުޅިވަރު
އެފްއޭއެމް 19 އަހަރުން ދަށުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި
މާޒިޔާއިން 19 އަހަރުން ދަށުގެ މުބާރާތުގެ ތަށި އުފުލާލުން / ފޮޓޯ: އެފްއޭއެމް
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށްދިޔައީ ހުރިހާ ޓީމެއް އެއް ގްރޫޕެއްގައި ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއް ގޯލު ކުރިމައްޗަށް ހުރަސްކުރުމުން، ބޮލުން ޖަހައި ލަނޑު ކާމިޔާބުކޮށްދިނީ އީދަން އަހުމަދު މޫސާއެވެ.
މާޒިޔާގެ ދެވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި މުހައްމަދު އިލާން އިމްރާންއެވެ. އޭނާ ވަނީ ނިއު ރޭޑިއަންޓްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ވަރަށް ރީތިކޮށް ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލާފައެވެ. މިއީ މި މުބާރާތުގައި އޭނާ ކުޅުނު ފަސް މެޗުން ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.
މެޗުގެ 89 ވަނަ މިނެޓުގައި ނައްސާހު އިބްރާހިމް ނާސިރު މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ އަލްހާން ފައިސަލް އަމީންއެވެ. ނިއު ރޭޑިއަންޓުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުގައެވެ. އެ ލަނޑު 79ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހަމްދާން އަޒްލީންއެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު 14 ލަނޑާއެކު މާޒިޔާގެ މުހައްމަދު އިލާން އިމްރާން ހޯދިއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ ކޯޗު އިބްރާހިމް ސައީދެވެ.
މުބާރާތުގެ ޑްރީމް ޓީމް:
ތާއިޢު އަބްދުލް ހަކީމް (ނިއު ރޭޑިއަންޓް)، ނާޝިއު އަހުމަދު ޝިހާމް (މާޒިޔާ)، ހޫދު އަހުމަދު ފަތުހީ (އޯޑީއައި އެސްސީ)، އަހުމަދު ހަމްދާން އަޒްލީން (ނިއު ރޭޑިއަންޓް)، ނައްސާހު އިބްރާހިމް ނާސިރު (މާޒިޔާ)، އަހުމަދު އަފްނާން އަލީ (އޯޑީއައި އެސްސީ)، މުހައްމަދު އިލާން އިމްރާން (މާޒިޔާ)، މުހައްމަދު އީޒާން އަލީ (ނިއު ރޭޑިއަންޓް)، މުހައްމަދު މާއިލް މޫސާ (އޯޑީއައި އެސްސީ)، އަނޫފް އަބްދުﷲ (މާޒިޔާ) އަދި އައިދު މުހައްމަދު ޖަވީޒް (މާޒިޔާ)