ކުޅިވަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިންއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

އާޖެންޓީނާ ބަލިކޮށް ސްޕެއިންއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ގޯލު ކާމިޔާބުކުރުމަށްފަހު ފެރަން ޓޮރޭސް އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2026، 03:32

20 ޖުލައި 2026، 03:32

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ވަރުގަދަ އާޖެންޓީނާ ބަލިކޮށް، ސްޕެއިންއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްޕެއިންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދީ ސްޕެއިންއިންނެވެ. އެގޮތުން ސްޕެއިންގެ ކަނާތްފަރާތުން ލެމީން ޔަމާލް އަދި ވާތްފަރާތުން މާކް ކުކުރޭލާ ދިޔައީ އާޖެންޓީނާގެ ޕެނަލްޓީ އޭރިއާތެރެއަށް ނުރައްކާތެރި ގިނަ ހުރަސްތަކެއް ކުރަމުންނެވެ. ނަމަވެސް، އާޖެންޓީނާގެ ޑިފެންސްލައިން ވަރުގަދަކޮށް ފެނުމާއެކު، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފުގައި ސްޕެއިންއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. މިގޮތުން ފެރަން ޓޮރޭސް، ޕެޑްރީ އަދި ނިކޯ ވިލިއަމްސް ކުޅެން ނުކުމެ، އާޖެންޓީނާގެ ގޯލަށް ބާރުބޮޑުކުރިއެވެ. މި ހާފުގައި އާޖެންޓީނާ ސަލާމަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކީޕަރު އެމީ މާޓިނޭޒްއެވެ. އޭނާ ވަނީ ސްޕެއިންގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ސްޕެއިން ވަނީ އޭނާ ހުއްޓުވުމުގައި ކާމިޔާބީ ހޯދާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް އާޖެންޓީނާއަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވީ، އެ ޓީމުގެ އެންޒޯ ފެނާންޑޭޒްއަށް ރަތްކާޑު ދެއްކުމުންނެވެ. މެޗުގެ 82 ވަނަ މިނެޓުގައި އޭނާ ޑައިވް ކުރިކަމަށް ބަލައި ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު، 90 މިނެޓު ހަމަވި ފަހުން ޕައު ކުބާސީއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު އޭނާ ދަނޑުން ފޮނުވާލިއެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވެސް ސްޕެއިންއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ނިކޯ ވިލިއަމްސްއަށް ލިބުނު ފުރުސަތެއްގައި އޭނާ ގޯލެއް ކާމިޔާބުކުރި ނަމަވެސް، އެ ގޯލުގެ ކުރިން ސްޕެއިންގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާ ކަމަށް ނިންމައި ރެފްރީ އެ ގޯލު ބަލައިގަނެފައެއް ނުވެއެވެ.

ސްޕެއިންއިން ތަށި ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފުގައެވެ. ގޯލު ކުރިމައްޗަށް އައި ހުރަހެއް، ނިކޯ ވިލިއަމްސް ބޮލުން ޖައްސާލުމުން ފެރަން ޓޮރޭސް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޓޮރޭސް އިތުރު ގޯލެއް ޖެހި ނަމަވެސް، އެއީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

މި މެޗު 1-0 އިން ކާމިޔާބުކޮށް، ސްޕެއިންއިން މިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ދެވަނަ ފަހަރަށް ހޯދާފައެވެ. މިއާއެކު ޖެހިޖެހިގެން ދެވަނަ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރަން ނިކުތް އާޖެންޓީނާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450